މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައިފިއެވެ.
ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން މީގެ ގަޑިއެއްހާ އިރުކުރިން ކުރި ޓުވީޓެއްގައި ވަނީ ކާނިވާ ސަރަހައްދަށް އުދައަރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރާ ދުވަސްވަރުކަމުން ބައެއް ރަށްރަށަށް އުދަ އަރައި އަދި ބޯކޮށް ވިއްސާރަވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މާދަމާ ހެނދުނު 10:00 ގެ ނިޔަލަށް މޫސުން ލަފާކޮށް ބުނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ. އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.