ހަތަރު މަސްވީއިރުވެސް މައުމޫންގެ ޕާޓީ ރަޖިސްޓްރީ ކުރެވޭ ވަރަށް މެންބަރުން ހަމަނުވޭ

އެމްއާރުއެމްއަށް މެމްބަރުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފައިލް ފޮޓޯ: ޔުމްނާ މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ފަހުން ހަތަރު މަސްވީއިރުވެސް އެ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.

އެ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އީސީއިން އެ ޕާޓީއަށް ދީފައި ވަނީ، މިދިޔަ ފެބުރުއަރީ 19 ވަނަ ދުވަހު އެވެ. އެހެން ކަމުން އެ ހުއްދަ ދިން ފަހުން މިއަދާ ހަމަޔަށް ހަތަރު މަހާއި ތިން ހަފްތާ މިވަނީ ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭ މެންބަޝިޕް ފޯމްތައް މިވީހާ ދުވަހުވެސް އެ ޕާޓީއިން އަދި ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ޕާޓީއަށް މެންބަރުން ހޯދުމަށް އެންދެރިމާގޭގައި އެ ޕާޓީގެ އޮފީހެއް ހަދައިގެން ކުރިއަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ދިޔަ ހިސާބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް އެމްއާރުއެމްގެ ތަރުޖަމާން ތަޒްމީލް އަބްދުއްސަމަދަށް ވެސް ފޯން ކުރުމުން އޭނާ ޖަވާބެއް ނުދެއްވި އެވެ. އަދި އެ ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވެސް އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީ ކުރަން އަދި ހުށަނޭޅިގެން އުޅެނީ ރެޖިސްޓްރޭޝަނަށް ބޭނުންވާ އަދަދަށް އަދި ސޮއި ހަމަނުކުރެވޭތީ އެވެ. އަދި އެކަން ލަސްވަނީ އިދާރީ ބައެއް މައްސަލަތައް އުޅޭތީ ކަމަށްވެސް އެނގިފައިވެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، ޕާޓީއެއް ރަޖިސްޓްރީ ކުރަން 3،000 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ. އަދި އެ ފޯމްތައް ހުށަހަޅާތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އީސީއިން އެ ފޯމްތައް ރިވިއުކޮށް ވަކި އެއްޗެއް އެ ފަރާތަށް އަންގަން ޖެހެ އެވެ. އަދި ހުށަހެޅި ފޯމުތަކުގައި މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަންކަން ރަނގަޅުކުރަން ގިނަވެގެން އިތުރު ތިން މަސްދުވަސް އެ ފަރާތަކަށް ދޭން ޖެހެ އެވެ.

އެ ފޯމްތައް ހުށަހެޅުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަދޭނެ އެވެ. އަދި އެ ޖަލްސާއަށް ފަހު އެ ޕާޓީއެއް ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްދޭނެ އެވެ.

ރައީސް މައުމޫން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމަވައި އެ މަސައްކަތް ފެއްޓެވީ، އެމަނިކުފާނު އުފެއްދެވި ޕީޕީއެމްގެ ރައީސްކަމުން އެމަނިކުފާނު ބޭރު ކުރި މައްސަލައިގައ، އެ ނިިންމުން ސައްހަ ނޫން ކަމަށް ކޯޓްތަކަށް ހުށަހެޅި މައްސަލަ ކާމިޔާބު ނުވުމުން އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު