ހިމާޔަތެއް ނެތިފައި

23 އޮކްޓޯބަރު 2011 އާގުޅޭ

އިރުއިރުކޮޅާ ގޭދޮރުމައްޗަށް އަޒުރާ ނުކުމެ މަގުގެ ދެފަރާތް ބަލާލައެވެ. ރޭގަނޑު އަށެއްޖަހާ ދިޔައިރުވެސް ޔަޒާން ގެއަކަށް ނާދެއެވެ. އަޒުރާއަށް ބޮޑުމަގުން އައި ހައްވަދައިތަގެ އާއިލާ ފެނުނީ އެވަގުތުއެވެ. ގޭތެރެއަށް ވަންނަން އުޅެފަވެސް ހައްވަ ދައިތަގެ ހަބަރެއް ބަލާނުލާ ދާން އޭނަގެ ޒަމީރު ނޭދުނެވެ.
"ކޮބާ ހުސޭނުބޭ ރަނގަޅުވީތަ މިހާރު؟" ގެއަށްވަންނަން އައި ހައްވަދައިތައަށް އަޒުރާ ބުނެލިއެވެ. އޭރު އެދެމަފިރިންގެ ތިންކުދިންވެސް އައީ ގެއަށްވަނުމަށެވެ.
"ނޫނޭ، އެންމެ ފަހުގެ ބޭސްގަނޑު އަޅައިގެން މިއައީ، ދެން ދާން ޖެހެނީ މަސްދުވަސްފަހުން، ބޭސްގަނޑު ނަގަން، ކޮބާތަ ކުދިން، ހާލު ރަނގަޅުތަ، އެމަންޖެ ވަރަށް ދެކިލާހިތުން މިހިރީ، ބުނައްޗޭ ހައްވަދައިތަ އައިވާހަކަ" ހިނިއައިސްފައި ހައްވަދައިތަ ބުނެލިއެވެ.
"އެހެންތަ، ކުދިން ރަނގަޅު ބުނާނަން ހައްވަދައިތަ އަތުވެއްޖެޔޭ" އަޒުރާ އެހެން ބުނެލަމުން އެނބުރި ގޭތެރެއަށްވަންނަން ހިނގައިގަނެއްޖެއެވެ. އޭނައަށް ލިބިފައިވާ ހާސްކަން ހައްވަދައިތައަށް ފޮރުވާލިއެއްކަމަކު ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ. ޔަޒާންގެ އުމުރުން ދޮށިކަމުގައިވިޔަސް އޭނައަކީ ރޭގަނޑު ބޭރުގައި އުޅެން ޖެހިލުންވާ ކުއްޖެއްކަން އަޒުރާއަށް ރަނގަޅަށް އެނގެއެވެ. އޭނަ ކަންބޮޑުވަނީ އެހެންވެއެވެ. ހަދާނެގޮތެއް ނޭގިގެން އެންމެ ފަހުން އަޒުރާ ނަދީމާއަށް ގުޅިއެވެ. އަދި އަޝްހަރާއި ހަމައަށްވެސް އެހަބަރުދިޔައެވެ. އެމީހުންގެ ފަރާތުން މާބޮޑު ހާސްކެމެއް ނުފެނުނެވެ. ބޮޑުވަމުން އަންނަ ފިރިހެން ކުދިން މިހާރު ރޭގަނޑު ގޭގައި ތިބުމުގެ އިތުރުން ކުރާނެ އެހެން ކަންތައްތައް ހުންނާނެ ކަމުގައި ބުންޏެވެ. އެވާނީ ޔަޒާން ކޮންމެވެސް އަންހެން ކުއްޖަކާއި ބައްދަލު ކުރަން ދިޔައީކަމަށެވެ. އެވާހަކަތަކުން އަޒުރާއަށް ފޫހިކަން އިޙްސާސްކުރުވިއެވެ. އެމީހުން އެބުނާ ގޮތަށް ޔަޒާން އަންހެން ކުއްޖަކާ ބައްދަލު ކުރަން ދިއުން އެއީ އަޒުރާ ބޭނުންވާގޮތެއްނޫނެވެ. ޔަޒާން ލައިބާ އާއިހެދި އުޅޭތީވެސް އޭނަ ހުންނަނީ އެކަމާ ހިތްހަމަނުޖެހިފައެވެ.
"އޭނަ އަންނާނެއޭ، ދެން އާދެބަލަ އަހަރުމެންނާއިއެކު މަޖާކޮއްލަން" އަޝްހަރު އަޒުރާއަށް ގޮވާލަމުން ބުނެލިއެވެ.
މަސްތުކަމުގެ ތެރެއަށް އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިން ގެއްލިފަވީއިރު ލައިބާއަށް ނިންޖަކަށްވާކަހަލަ ނިންޖެއް ނުނިދެއެވެ. އިރުއިރުކޮޅާ ހޭލެވެނީއެވެ. ބަނޑަށްވެސް އުނދަގޫވަނީއެވެ. މިރޭ ބަނޑުގައިވާ ދަރިފުޅު މާބޮޑަށް ހަރަކާތްތެރިވާކަން ލައިބާއަށް ފާހަގަވިއެވެ. އަރިއަކަށް އޮވެ މަޑުމަޑުން ލައިބާ ބަނޑުގައި ފިރުމަމުންދިޔައެވެ. އަދި ބަނޑުގައިވާ ދަރިފުޅާ ވާހަކަވެސް ދައްކަމުންދިޔައެވެ. އަނެއްކޮޅުން ޔަޒާން އާއި ދޭތެރޭވެސް އޭނައަށް ފިކުރުކުރެވެއެވެ. އޭނަ ބިރުގަންނަނީ ޔަޒާންއަށް ހުރިހާ ކަމެއް އެނގިދާނެތީއެވެ. އޭނަ ލުބާ އާއި ގުޅިގެން ޔަޒާންއަށް ދޮގުހެދިކަން އެނގިއްޖެނަމަ ލައިބާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަން އޭނައަށް އެނގެއެވެ. އިހަށްދުވަހު ޔަޒާން އޭނައަށް ހެދިގޮތް އަދި ހަނދާނެއްނުނެތެއެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ކޮވެލީގެ ރީތި ސަނާތައް މީހުންނަށް އިއްވަމުންދިޔައިރު އުދުހިއުދުހިފައި އުޅޭ ކާޅުތައްވެސް ހަމަ އެންމެ ތަންފުކެއްވެސް ދޫނުކުރެއެވެ. ފާހާނާއިން ނުކުތް ލައިބާ އެއްއަތް އުނަގަނޑުގައި ވިއްދާލާފައި ހުރިއިރު އަނެއްއަތުން ބަނޑުގައި ފިރުމަމުންދިޔައެވެ. އޭނަ ފެންނަ ކޮންމެ މީހަކަށްވެސް އޭނަ އެއުޅެނީ ބަނޑަށް އުނދަގޫވާތީކަން އެނގޭހާވެޔެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. އާދައިގެ މަތިން ބަދިގެއަށް ވަންނަން ދިއުމުގެ ކުރިން ޔަޒާންގެ އެނދަށް ބަލާލިއެވެ. އެ އެނދު ހުރީ ލައިބާ ތަންމަތިއެޅިގޮތަށް، އެންމެ ރުލެއްވެސް ޖެހިނުލައެވެ. އެހެންވެ ޔަޒާން ރޭހަތަރުދަމު އެކޮޓަރިއަށް ނުވަންނަކަން ލައިބާއަށް ޔަގީންވިއެވެ. އަދި އޭނަ ގަސްދުކުރީ އަޒުރާގެ ކޮޓަރި ބަލާލުމަށެވެ. އެހެންނަމަވެސް ހިޔާލު ބަދަލުވީ އެމީހުން ތިބޭނެގޮތެއް ސިފަވީތީއެވެ. ދެފަރާތަށް ބޯހޫރުވާލަމުން ހިޔާލުތަކުން ސިކުނޑި މިނިވަންކޮއްލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލަމުން ހެނދުނުގެ ތާޒާކަމާއި ކުރިމަތިލިއެވެ.
އެތެރެގޭ ތެރެއިން ބަދިގެ ފަރާތަށް ނުކުތުމަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓިގެން ދިޔައީ ހައްވަދައިތަ މެންގޭ ބަދިގެ ފަރާތުން ރޭޑިއޯ ހުޅުވާފައިވާ އަޑުއިވިގެންނެވެ. ލައިބާގެ ދެލޯބޮޑުކޮއްލެވުނެވެ. ތުންފަތުގައި ކުޑަކޮށް ދަތްއަޅާލަމުން ވިސްނާލެވުނެވެ. ހައްވަދައިތަ އައީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށް އެރިއެވެ. ނޫނީ އެގެއަށް ބަޔަކު އައީ ބާއެވެ. ލައިބާ ޔަގީން ކޮއްލުމަށް ހައްވަދައިތަމެންގޭ ބަދިގެ ފަރާތަށް ބޯއަރިކޮއްލާ ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް ހައްވަދައިތަކަން ލައިބާއަށް ޔަގީންވުމަށް މާގިނައިރެއް ނުނެގިއެވެ. އެހެނީ ހައްވަދައިތަ ކައްކާ ގަޑީގައި ބަދިގެއިން ވަޔާއިއެކުވެގެން އަންނަވަހުގެ ހިތްގައިމުކަމީ ހައްވަދައިތައަށް އެކަނި ލިބިފައިވާ ކުޅަދާނެކަމެއްކަން ލައިބާ ގަބޫލުކުރާކުރުމެވެ. އަވަހަށް ގޮސް ފާރުބުރި މަތިން ހައްވަދައިތައަށް ގޮވާލާ ހާލު އަހުވާލު އަހާލަން ލައިބާ ބޭނުންވިއެވެ. އެކަމަކު އަމިއްލަ ބަނޑާއި ދިމާލަށް އޭނައަށް ބަލާލެވުނީ ސަބަބަކާއި ނުލައެއްވެސް ނޫނެވެ. ލައިބާ އޭނަގެ ބޮޑުވެފައިވާ ބަނޑާއި ދޭތެރޭ ދެކޭގޮތަށް އެހެންމީހުން ނުދެކޭނެކަން އޭނައަށް އެނގެއެވެ. އަބަދާއި އަބަދު އަޒުރާގެ ހަންޖަރެއްފަދަ ތޫނު ބަސްތަކުން އޭނައަށް މިއަދާއި ހަމައަށް އައިއިރު ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަން އެނގިއްޖެއެވެ. ލައިބާ ދޮރުފަތުގައި ލެނގިލިއެވެ. ބަނޑުހައިވެސް އޭނަހުރީ ވެފައެވެ. އެކަމަކު ހައްވަދައިތަ އަށް ފެންނާކަށްވެސް ބޭނުމެއްނޫނެވެ. އެންމެ ފަހުން ލައިބާ ގޭތެރެއިން ބޭރަށް ނުނިކުމެ މަޑުކުރީ ހައްވަދައިތަ މެންދުރު ނަމާދަށް ދާންވާއިރަށް ކައްކާފަ ގޭތެރެއަށް ވަންނާނެއިރަކަށެވެ.
އަޒުރާއަށް ހަމަހޭވެރިކަން ވީއިރު ގަޑިން އެގާރަޖަހަނީއެވެ. އެހެންޏާ ފެންނުވަރާ ކޮޓަރިން ނުނިކުންނަ އަޒުރާ މިއަދު ދުވެފައި ކަހަލަ ގޮތަކަށް އައިސް ލައިބާ އާއި ޔަޒާން ނިދާކޮޓަރިބެލިއެވެ. ބޭއިޙްތިޔާރުގައި ނިތުގައި ހިފަހައްޓާލެވުނެވެ. ޔަޒާން އަދިވެސް ގެއަށް ނާންނަނީބާއޭ އަޒުރާގެ ހިތަށްއެރިއެވެ.
"ހެލޯ، ނަދީ، ޒާން އަދިވެސް ގެއަށްނާދޭ، އަހަރެން އޭނަގެ ފޯނަށް ވަރަށް ގުޅައިފިން، ރޭސުރެން ފޯނުވެސް އޮންނަނީ ނިއްވާލާފަ، އަޅެ އަހަރެން ހަދަންވީ ގޮތެއް ބުނެދީބަލަ، ރަށުއޮފީހަށް އަންގަންވީތަ؟" އަޒުރާ އަވަސް އަވަހަށް ކޮޓަރިއަށްގޮސް ނަދީމާއަށް ފޯނުކުރިއެވެ.
"އަޒޫ، އަހަރެން ބުނީމެއްނު ކަންބޮޑުނުވާށޭ، ޔަޒާންގެ ގޮތް އަހަރުމެންނަށް އެނގެއެއްނު، އޭނަ ޔަގީން އެވާނީ ކޮންމެވެސް އަންހެން ކުއްޖެއް ކައިރިއަށް ދިޔައީކަމަށް، އަޒުރާ އެއްޗެއް ބުނެދާނެތީ އެކަހަލަ ވާހަކައެއް ނުބުނީކަންނޭގެ، އަދި ރަށު އޮފީހަށް އަންގާކަށް އަހަންނަކަށް ނުފެނޭ، އިރުކޮޅަކުން ގެއަށް އައިސްދާނެކަންނޭގެ، އަދިވެސް އަހަރުމެންނަށް ޔަގީނެއްނޫނެއްނު ޔަޒާން ގެއްލިގެން ކަމެއް މިއުޅެނީ، އަޒޫ، އަހަރެން ފަހުން ގުޅާނަން، މިހާރު އެހަށް ފޯނު ބާއްވާލާނަން އެނގޭ" ނަދީމާ ބުނެލިއެވެ.
އަޒުރާ ފޯންކޯލު ކަނޑާލަމުން ފޯނުގެނެސް ތުންފަތުގައި ޖައްސާލިއެވެ. އަދި ކުޑަވަގުތުކޮޅަށް ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރިގޮތަށް ހުއްޓެވެ. ދެން އޭނަ ލައިބާއަށް ގޮވިއެވެ. އަދި ޔަޒާން އާއި ބެހޭގޮތުން ސުވާލުކުރިއެވެ. އޭނަ ގޭން ނުކުތީ ކޮންވަގުތަކުތޯއެވެ. ދިޔަތަނެއް އެނގޭތޯއެވެ. އެހެންނަމަވެސް އަޒުރާއަށް ލައިބާގެ އެއްވެސް ޖަވާބެއް މުހިއްމެއްނުވިއެވެ. އޭނަގެ ފަރާތުން ހީކުރިވަރެއްގެ އެހީތެރިކަމެއްނުލިބުމުންނެވެ.
ހަވީރު އަތަށް އަޅާލިއިރު ލައިބާއަށް ވަރުބަލިކަން އިޙްސާސް ކުރެވެމުންދިޔައެވެ. އަދި ބަނޑަށްވަމުންދިޔަ އުނދަގޫތައް އިތުރުވެގެންދިޔައެވެ. މާބޮޑަށް ބަނޑުހަރުވެފައި ނޭވާކުރުވާހެންވެސް ލައިބާއަށް ހީވެއެވެ. އޭނަ ލުބާ އަންނާނެ އިރެއްގެ އިންތިޒާރުގައި އެތެރެގެއިން ބަދިގެ ފަރާތަށް ނުކުންނަ ދޮރުކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އެހެން ހުރިއިރު ދޭތެރެ ދޭތެރެއިން މަޑުމަޑުން ލުބާގެ ނަން ކިޔާލެވެއެވެ. އޭނައަށްވެސް ވިހަންވީ ވަގުތު ކައިރިވަނީކަން އެނގުނެވެ. ލުބާއަށް އެދެވެނީ އެހެންވެގެންނެވެ. ގަހަކުން ފަތެއްތެޅިލިޔަސް، ނޫނީ ވައިރޯޅިއެއް ބީހިލިޔަސް ލައިބާއަށް ވަށައިގެން ހޯދާލެވެއެވެ. އެހެނީ ލުބާވެސް އަންނަގޮތެއް ނޭގޭނެއެވެ. ފެންނާނީ އައިސްހުއްޓައެވެ.
ޖޯލީގައި އިން ހައްވަދައިތަ ގޮވާއަޑަށް އަޒުރާ ނުކުތެވެ. އެއާއިއެކު ލައިބާ ކޮބާތޯ ސުވާލުކުރިއެވެ. ޔަޒާން އާއި ހެދި ހާސްވެ ކަންބޮޑުވެފައިވާ އަޒުރާއަށް އިތުރު ހާސްކަމެއް ލިބިގެންދިޔައެވެ. އޭނަ ޔަޒާން އާއިހެދި ހާސްވެފަ ހުރިވަރުން ހައްވަދައިތަ އައިސް އުޅޭކަމާއި، ލައިބާ ބަނޑުބޮޑުކަން އެނގިއްޖެނަމަ އެކަމާ ސުވާލުކޮށް، ބޮޑުކަންތައްގަނޑަކަށް ހަދާލާނެކަން އޭނައަށް ވިސްނާނުލެވުނީއެވެ. އަޒުރާ އަވަސް އަވަހަށް ލައިބާވީ އޭނަ ރައްޓެހި ކުއްޖެއްގެ ގެއަށް ގޮސްކަމުގައި ބުންޏެވެ.
"ކޮންއިރަކު އެމަންޖެ ގޭން ބޭރަށް ދާންފެށީ، މިއަދު ހެނދުނު ގަޑީގަވެސް ނުދެކެން ބަދިގެ ފަރާތުން، ގަސްތަކަށް ފެންދޭން ނުކުމެ އުޅޭތަނެއްވެސް ނުދެކެން، ހާދަ ބަދަލުވެއްޖެޔޭ ދޯ، އަހަރެން ހީވެސް ނުކުރަން އެމަންޖެ މީހުންގެތެރެއަށް ނުކުމެ އުޅެދާނެއެކޭ، އާދެބަލަ ޖޯއްޔަށް އަނގަތަޅާލަން..." ހައްވަދައިތައަށް އަޒުރާގެ ޖަވާބު ލިބުމާއިއެކު ބުނެލިއެވެ. ވާހަކަދައްކަން ބޭނުންނުވިއެއްކަމަކު އަޒުރާ ހައްވަދައިތައަށް ނޫނޭކޭ ނުބުނެއެވެ. އެންމެ ފަހުން ގޮސް ހައްވަދައިތަ އިށިން ޖޯއްޔާއި އެއްޖޯލި ދޫކޮއް އަޒުރާވެސް އިށީނދެއްޖެއެވެ.
ރޭގަނޑުއިރުއޮއްސި ހަތެއްޖަހަންވިއިރު އަޒުރާއަކަށް ކެތެއްނުކުރެވުނެވެ. ޔަޒާން ވީތަނެއް ހޯދަންބޭނުންވިއެވެ. އެކަމަކު ހޯދަންދާނެ ވަކިތަނެއްނޭގޭތީ ނަދީމާއާއިއެކު ރަށުގެ އިސްވެރިއެއްގެ އަރިހަށްގޮސް ޔަޒާން ގެއަށްނާންނަތާ ސައުވީސްގަޑިއިރަށްވުރެ ގިނައިރުވެއްޖެކަމުގައި ބުންޏެވެ. އެވަގުތުން ފެށިގެން ރަށުގެ ރައްޔިތުންނަށް އެކަން އަންގަން އަވަސްވެގަތެވެ. ރަށުއޮފީހުގެ ވެރިން އަޒުރާއާއި ބައްދަލުކުރުމަށްފަހު އެންގީ ގޭގައި މަޑުކުރުމަށެވެ. ޔަޒާންގެ ހަބަރެއްވީހާ އަވަހަކަށް އަޒުރާއަށް އަންގާނެކަމުގައެވެ. އެއާއިއެކު އަޒުރާ އާއި ނަދީމާ އައީގެއަށެވެ.
"އަޒޫ ހާސްނުވެބަލަ، ޔަޒާންއަށް ކަމެއްނުވާނެއޭ" ބޮޑުއަށިމަތީގައި އަޒުރާ އާއިއެކު އިން ނަދީމާ ބުނެލިއެވެ.
އޭނަ އަޒުރާގެ ގާތުގައި ކަންބޮޑުނުވުމަށް އެދި އެކިއެކި ވާހަކަތައްދައްކަމުންދިޔައެވެ. އަދި ގަޑިއަށް އިރުއިރުކޮޅާ ބަލަމުންދިޔައީ އޭނަގެ ޑިއުޓީގަޑި ފެށެން ގާތްވާތީއެވެ. ނަދީމާ އަޒުރާއާއި ވަކިވީ އެހެންވެއެވެ. އެކަމަކު އޭނަ ޑިއުޓީ ނިމުމުގެ ކުރިން އަންނާނަން ކަމުގައި ބުންޏެވެ. ނަދީމާ ދަމުންދިޔައީ ލައިބާގެ ކޮޓަރި ދޮރުހުޅުވާލާފައި އޭނަ ކޮބާތޯވެސް ބަލާލާފައެވެ. އޭރު ލައިބާއަށް އޮތީ ނިދިފައެވެ. އެކަމަކު އޮތީ ކުރުގެޅިލައިގެންނެވެ.
އެރޭގެ ނުވައެއްޖަހަންވިއިރު ކުއްލިއަކަށް ދުނިޔެމަތި ބަނަކޮއްލީ ތިޔަހެންނެއްނޫނެވެ. ކަޅުރަތްކުލައިގެ ވިލާތައްފެންނަންފެށީ ރުޅިވެރިކަމާއިއެކު ހަނގުރާމަކުރާ ބަޔަކުހެންނެވެ. އިވެންފެށި ބާރު ގުގުރީގެ އަޑުފައްގަޑާއިއެކު ކޮންމެ ގެއެއްގެ ކުދިވެރިންތިބީ ލޮލުފިޔައެއް ޖަހާލަން ނުކެރިފައެވެ.
"ދަރިފުޅާ، ނަމަނަމަ މިރޭ ގޭންބޭރަށް ނުނިކުންނާތި، އެތެރެގޭ ދޮރާއި ބޭރުގޭ ދޮރު އަވަހަށް ތަޅުލައި ބަންދުކުރޭ، ފިނިޖައްސާލަންވެސް ކުޑަދޮރެއްހާ ހިސާބުވެސް ހުޅުވާފަ ނުބައްހައްޓާތި، ހުރިހާ ކުދިންނަށް މިހާރު ކާންދީފިންތަ، ބޮޑުކަމެއް ޖެހިއްޖެނަމަ ބައްޕައަށް ނުގޮވާ އެކަމެއް ނުކުރާތި، ވުލޫކޮއްލައިގެން އައިސް ނިދަން އޮށޮންނާތި، ބައްފަ މީދަނީ ކޮޓަރިއަށް، މިރޭ އެހާއަވަހަކާ ނިދޭނެހެނެއް ހިޔެއްނުވޭ، މިދަނީ ކުޑަކޮށް ކިޔަވާލާ ހަދަން" އަލިފުތާބެ ގޭގެ ބޮޑުއަށިމަތީ އިނދެފައި އޭނަގެ ދޮށީޅީދަރިފުޅު ހުރަސްކަނޑާލިތަން ފެނުމުން ގޮވާފައިގެނެސް ބުނެލިއެވެ.
"ބައްޕާ، ސާމާ މެންގެ ދެމަފިރިން ތިބީ ކޮޓަރީގައި، ހުސެންކޮއްކަ އާއި ޖާވިދު މުޙައްބަދުބެއާއިއެކު ކައިގެން އެއައީ ހަމަދެންމެ، ބަދިގޭގައި ހުރި އެއްޗެހީގަ މިއައީ ހަމައެކަނި ގޮށިޖަހާލާފަ ބަދިގެ ލައްޕާފަ، ހެނދުނަށް ރިހަބޯތަށި ހުންނާނީ ކުނިވެފައި، ކިހިނެތްތޯ ހަދަންވީ، އެހުރިގޮތަށް ބަހައްޓަންވީތޯ، ބައްޕާ، އަދި ވާހަކައެއް އަހަންތޯ، ކުއްލިއަކަށް ކިހިނެތްތޯވީ، އަޑުއަހައިފިން ބައްޕަ ދުރުވި އެއްކަލަ ނިޒާރުބޭ މެންގޭ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭވާހަކަ، އޮފީހުގެ މީހުން ރައްޔިތުން އެއްކުރަން އުޅެނިކޮށް ވިއްސާރަވެގެން ހުއްޓާލީ ހެނދުނުން ހޯދަންކަމަށް، އެވާހަކައެއްނޫން، އަހަންމިއުޅެނީ ބައްޕައަށް ކަމެއް އެނގުނީތޯއޭ ކުއްލިއަކަށް އަހަރުމެން ހުރިހާ ކުދިން ގެއަށް ތިވައްދަނީ" ޒަރީނާ އޭނަގެ ބަފާބެގެ ގާތުގައި އަހާލިއެވެ.
"ދަރިފުޅާ، ދެން ބަދިގެ ފަރާތަށްވެސް ނުކުންނާނެކަމެއްނެތް....އިތުރަށް ސުވާލު ނުކުރޭ، ޔަގީނުންވެސް މީ އާދައިގެ ވިއްސާރައެއްނޫން، ބޭރަށް ނުނިކުތުން އެންމެ ބުއްދިވެރީ" އަލިފުތާބެ ތެދުވެ އޭނަގެ ކޮޓަރިއަށްވަނުމަށް އަވަސްވެގަތެވެ.
އިވެމުންދިޔަ ބާރުގުގުރީގެ އަޑާއި އައިގަދަވަޔާއިއެކު ހީވަނީ ގޭގޭގެ ފުރާޅުތައް ވިއްސާލަފާނެހެންނެވެ. ގިނައިރުތަކެއްނުވެ ވާރޭގެ ތިކިތަކުން ރަށްއެއްކޮށް ތެތްމާލައިފިއެވެ. އެއަޑުތަކާއިއެކު ލައިބާ އެނދުމަތީ ޖެހިބުދެއްހެން އިނެވެ. އޭނަގެ ނިތްކުރިން ހިއްލަމުން ދިޔަ ދާތިކިތަކުން އޭނައަށް އެއްވެސް ފިނިކަމެއްނުވާކަން އެނގެއެވެ. އަޒުރާ ކަންބޮޑުވުމާއިއެކު ނަދީމާއާއި ފޯނުންވާހަކަދައްކަމުންދިޔައެވެ. ގޭގެ ހުރިހާ ދޮރުތަކެއްލައްޕައިގެން ހުއްޓެއްކަމަކު މުޅިފަޒާފައި އެނބުރެމުންދާ ތޫފާނުގެ ވަރުގަދަކަމާއި ބިރުވެރި އަޑުތައް އިވި އިޙްސާސްކުރެވެމުންދިޔައެވެ. އެހެންނަމަވެސް އަޒުރާ ކަންބޮޑުވެފައިވަނީ ޔަޒާން އާއި ދޭތެރޭއެވެ. ކުއްލިއަކަށް ލައިބާ ރޮއެގެން އަޑު އިވުނުހެން އަޒުރާއަށް ހީވިއެވެ. އޭރުވެސް އޭނަހުރީ ނަދީމާގެ ފޯނުގައެވެ. އަދި އަވަސް އަވަހަށް އައިސް ލައިބާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ލައިބާ އެނދުގެ ބޯލާކޮޅުފަޑީގައި އެއްއަތުން ހިފަހައްޓާލައިގެން އަދި އަނެއްއަތުން ބަނޑުގައި ހިފަހައްޓާލައިގެން ގުދަށްކަހަލަ ގޮތަކަށް އޮތެވެ. ބަނޑުގައި ނަގަމުންދިޔަ ރިހުމުގެ ސަބަބުން އޭނައަށް ރޮވެނީއެވެ.
"ވިހަނީ، ނަދީ...ވަގުތު ޖެހިއްޖެ....ނަދީ ލައިބާ....ލައިބާ ވިހަނީ..." އަޒުރާއަށް ދުވެފައިކަހަލަ ގޮތަކަށް ލައިބާއާއި ދިމާލަށް ދެވުނެވެ. އަދި އޭނަގެ ގައިގާ ހިފަހައްޓާލެވުނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު