ގިނަ އަހަރުތަކެއް ޗެލްސީއަށް ކުޅެދިނުމަށް ފަހު ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް އެ ކުލަބު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފި އެވެ.
ވޭތުވެ ދިޔަ ހަ ސީޒަނުގައި ވެސް ޗެލްސީއަށް ކުޅެ އެ ކުލަބާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ހަޒާޑް އެ ކުލަބު ދޫކޮށްލާނެ ކަން އެންމެ ފަހުން ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު ޔޫރޮޕާ ލީގު ފައިނަލަށް ފަހު ވަނީ އިއުލާން ކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ޗެލްސީ އިން ވަނީ އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާއަށް ރިލީޒް ދީފައިވާ ކަމަށް ބުނެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަޒާޑް ރެއާލަށް ދާން އެއްބަސްވީ 100 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި ކުޅުންތެރިޔާ އާއި ކުލަބާއި ދެމެދުގައިވާ އެއްބަސްވުމުގައިވާ ބައެއް ޝަރުތުތަކާ އެކު އެ އަދަދު އިތުރު ވާނެ ކަމަށް ގިނަ ރިޕޯޓްތަކުން ބުނި ނަމަވެސް ހަޒާޑް ބުނީ އޭނާ ރެއާލް މެޑްރިޑަށް ދާން ނިންމީ ލާރީގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އޭނަ އެންމެ ކުޑައިރުން ފެށިގެން ވެސް ދެކެމުން އައި ހުވަފެން ކަމަށް ވާތީ ކަމަށެވެ.
ހަޒާޑަކީ އަބަދުވެސް އޭނަގެ އެންމެ މަގުބޫލް ކުލަބަކީ ރެއާލް މެޑްރިޑް ކަމަށް ފާޅުގައި ބުނަމުން އައި ކުޅުންތެރިއެކެވެ. އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް ނަމަވެސް ހަޒާޑް ޗެލްސީ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން އެ ކުލަބު ދޫ ކޮށްލަން އުނދަގޫވެފައިވާ ކަން އޭނާ ވެސް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ރެއާލް މެޑްރިޑް ނޫން އިތުރު ކުލަބަކަށް ޗެލްސީ ދޫކޮށް ނުދާނެ ކަމަށާއި ޗެލްސީ އަކީ އޭނަގެ އަމިއްލަ ގެ ފަދަ ތަނެއް ކަމަށެވެ.
"އަހަރެން ޗެލްސީއާ ގުޅުނީ އެންމެ 21 އަހަރުގައި. އެއަށް ފަހު ކުޅުންތެރިއެއްގެ ގޮތުގައާއި މީހެއްގެ ގޮތުގައި ކުރިއަރުވައިދިނީ މި ކުލަބުން. ރެއާލް މެޑްރިޑް ނޫން އިތުރު ކުލަބަކަށް ޗެލްސީ ދޫނުކުރާނަން."
ހަޒާޑް ވަނީ ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕުގެ އިތުރުން ޔޫރޮޕާ ލީގު ވެސް އެކުލަބަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ނިމިގެން މިދިޔަ ސީޒަނުގައި ލިބުނު ބޮޑު ނާކާމީޔާބީއާ އެކު ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ރެއާލް މެޑްރިޑުން އަވަދި ނެތި މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް ހަތަރު ކުޅުންތެރިއަކު އެ ކުލަބުން ވަނީ ކުރިއަށް މިދާ ޓްރާންސްފާ މާކެޓުގައި ހޯދައިފަ އެވެ. އެ ކުޅުންތެރިންނަކީ އެޑާ މިލީޓޯއާއި ލޫކާ ޖޮވިޗްގެ އިތުރުން ރޮޑްރިގޯ އެވެ.