"ހެޔޮނުވާނެ"ގެ ޑީވީޑީ ރިލީސް ކުރުން އަންގާރަ ދުވަހުގެ ރޭ!

މިިދިޔަ އަހަރު އޮލިމްޕަސް ސްކްރީނުގައި 22 ޝޯ އެޅުވި ދިވެހި ފިލްމް "ހެޔޮނުވާނެ"ގެ ޑީވީޑީ ރިލީސް ކުރުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮލިސްޕަހުގައި އޮންނާނެ ކަމަށް ފިލްމް އުފެއްދި ފަރާތުން ބުނެފި އެވެ.

ވާހަކަ ލިއުންތެރިއާ އަދި ޕްރޮޑިއުސާ، ޑައިރެކްޓާ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުގެ ތިން ވަނަ އުފެއްދުން ކަމުގައިވާ ހެޔޮނުވާނެ ފިލްމްގެ ޑީވީޑީ ރިލީސްކުރުމާ ބެހޭ މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ ޑީވީޑީ ރިލީސް ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ފަހު އެރޭ އޮލިމްޕަހަށް ވަންނަ އާއްމުންނަށް ހިލޭ އެފިލްމް ދައްކާ ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ފިލްމް ހިލޭ ދައްކާ ލުމަށް ހަމަޖެހިފައި ވަނީ އެރޭ އޮލިމްޕަހަށް ވަން ފުރަތަމަ 300 މީހުންނަށް،" ނަހުލާ ވިދާޅުވި އެވެ.

ހެޔޮނުވާނެ ޑީވީޑީ ރިލީސް ކުރުމަށް ބާއްވާ އެ ރަސްމިއްޔާތުގައި ނަހުލާގެ ވާހަކައެއް ކަމުގައިވާ މަންޖެ ވާހަކައިގެ ތިން ވަނަ ބައި ރިލީސް ކުރުމާއި ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ "މިހަށިން ފުރާނަ ދަންދެން" މިފިލްމްގެ އޯޑިއޯ ލަވަ ސީޑީ އާއި ޕޯސްޓާ ރިލީސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެފިލްމްގެ ބައެއް ލަވަތައް ސްޓޭޖް އައިޓަމްތަކެއްގެ ގޮތުގައި ދައްކާ ލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މައްޝޫރު ފިލްމީ ތަރި އަދި ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "ހެޔޮނުވާނެ" މިފިލްމުން ދައްކާ ދެނީ މަޖުބޫރު ހާލަތެއްގައި ލޯބިވެރިޔާ ދޫކޮށްލުމަށް ފަހު ޒީލަގަދަ އަންހެނަކާ (ޝީލާ ނަޖީބު) ކައިވެނިކުރާ ފިރިހެނަކަށް (ޔޫއްޕެ ) ދިމާވާ ހިތްދަތި ހާދިސާއެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު