"ރޯޅި" އަލްބަމްގެ ރިމިކްސް ހަދައިގެން ވިއްކާ ކަމަށް ބުނެ، އެކަން ހުއްޓުވައި، ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހޯދުމަށް އެދި އަލީ ރަމީޒުގެ ކުރީގެ ޕްރޮޑިއުސަރުގެ މައްޗަށް ދައުވާކޮށްފި

19:00


"ރޯޅި" އަލްބަމްގެ ރީމިކްސް ހަދައިގެން ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަން ހުއްޓުވައި، އޭގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހޯދުމަށް އެދި އަލީ ރަމީޒުގެ ކުރީގެ ޕްރޮޑިއުސަރުގެ މައްޗަށް މަދަނީ ކޯޓްގައި އޭނާ މިއަދު ދައުވާކޮށްފި އެވެ.


ލަވަކިޔުން ހުއްޓާލަފައިވާ އަލީ ރަމީޒްގެ ކުރީގެ ޕްރޮޑިއުސަރު ކަމަށްވާ މއ. ތަނޑިނޫމާގޭ މުހައްމަދު ޝިހާމް ނުވަތަ ޓާކޫރޭގެ މައްޗަށް އަލީ ރަމީޒް ދައުވާކުރަނީ އޭނާގެ މިލްކުގައިވާ "ރޯޅި" އަލްބަމް "ރޯޅި ރިމިކްސް" ގެ ނަމުގައި ވިއްކަމުން ދާތީ އެކަންހުއްޓުވައި، އެ ކަމުގެ ސަބަބުން އަލީ ޒަމީޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހޯދުމަށް އެދި އެވެ. އަދި އެ މައްސަލަ ކޯޓް މަރުހަރާގައި ވާއިރުވެސް އެ އަލްބަމް ވިއްކަމުންދާތީ ގެއްލުމުގެ އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އަލީ ރަމީޒްގެ ގާނޫނީ ވަކީލު އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރު އަބްދުﷲ ހަސީނު މިއަދު ވިދާޅުވި އެވެ.


މަދަނީ ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އަށް އިންކާރުކޮށް، ވަކީލަކު ބޭނުންވާ ކަމަށް ބުނެ އެކަމަށް ވަގުތު ދިނުމަށް މުހައްމަދު ޝިހާމް އެދުމުން އޭނާ އަށް އެފުރުސަތު ދެއްވުމަށްފަހު ގާޒީ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު