އެމްޓީސީސީގެ އޭޖީއެމް މި މަހުގެ 15ގައި ބާއްވަނީ

އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ހޮޓެލް ޖެންގައި ބާއްވަން ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން އެމްޓީސީސީއިން ވަނީ ހުޅުވާލައިފައެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ކަމުން، މިދިޔަ އަހަރުގެ ސާފު ފައިދާ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށެވެ.

އެމްޓީސީސީ އިން މީގެ ކުރިން ބުނެފައި ވަނީ 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާތީ އާއި، މިއަހަރު އެކުންފުނީގެ މާލީހާލަތަށް ރިއާޔަތްކޮށް، 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ނުބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ފާސްކުރުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް 2017 ވަނަ އަހަރު ވަނީ ހިއްސާ އަކަށް 2.6 ރުފިޔާ ބަހައިފައެވެ.

އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.

comment ކޮމެންޓް