މިޔަންމާގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން: އެމްނެސްޓީ

މިޔަންމާގެ ރާހީން ސްޓޭޓުގައި އަސްކަރިއްޔާއިން އަދިވެސް ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން -- ފޮޓޯ: އޭއެފްޕީ

ނޭޕީޑޯ (މެއި 29): މީގެ ދެ އަހަރު ކުރިން މިޔަންމާގެ ރާހީން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެގައުމުގެ އަސްކަރިއްޔާގެ ޔުނިޓުތަކުން އަދިވެސް ދަނީ އެ ސްޓޭޓުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރާހީން ސްޓޭޓުގައި އަނެއްކާވެސް ޖަރީމާތައް ހިންގަން ފެށީ އެސްޓޭޓުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަރާކަން އާމީން މިދިޔަ ޖެނުއަރީ މަހު 13 ފުލުހުން މަރާލުމާ ގުޅިގެންނެވެ. އޭގެ ސަބަބުން އެގައުމުގައި އޮތް އަންގް ސަން ސޫޗީގެ ސަރުކާރުން ވަނީ އެ ޖަމާއަތް އެއްކޮށް ނައްތާލުމަށް އަސްކަރިއްޔާއަށް އަންގާފައެވެ.

އެމްނެސްޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން ރާހީން ސްޓޭޓުގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުން ދަނީ 2017 ވަނަ އަހަރުވެސް އެ ސްޓޭޓުގައި އެފަދަ އަނިޔާތައް ކުރި އަސްކަރިއްޔާގެ ވެސްޓަން ކޮމާންޑުންނެވެ. އަދި ގައުމުގެ އެހެން ސަރަހައްދުތަކުގައި އާންމު ގޮތެއްގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ ޔުނިޓުތައްވެސް މިހާރު ހިންގަމުންދާ ޖަރީމާތަކުގައި ބައިވެރިވެއެވެ.

"ރޮހިންގާއިންނާ ދެކޮޅަށް ހިންގި ޖަރީމާތަކަށް ދެ އަހަރުވެސް ނުވަނީސް މިޔަންމާ އަސްކަރިއްޔާއިން ދަނީ ރާހީން ސްޓޭޓުގެ ބައެއް ނަސްލުތަކަށް ނިސްބަތްވާ މީހުންނަށް އަނިޔާ ކުރަމުން،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ރީޖަނަލް ޑިރެކްޓާ ފޯ އީސްޓް އެންޑް ސައުތު އީސްޓް އޭޝިއާ ނިކޮލަސް ބެކެލިން ވިދާޅުވި އެވެ.

އަދި އޭގެއިން އެނގިގެންދަނީ މިޔަންމާގެ އަސްކަރިއްޔާ އިސްލާހު ނުވާ ކަމާއި އެގައުމުން އަސްކަރިއްޔާ ޒިންމާދާރު ކުރުވަން ދެކޮޅު ހަދާކަން ކަމަށް ބެކެލިން ވިދާޅުވި އެވެ. މީގެ އިތުރުން އެއީ މަދު ބަޔަކު ހިންގާ ޖަރީމާތަކެއް ނޫން ކަމަށާއި އެއީ މުޅި އަސްކަރިއްޔާއަށް ފެތުރިފައިވާ މައްސަލައެއް ކަމަށްވެސް ބެކެލިން ތުހުމަތު ކުރެއްވިއެވެ.

ރާހީން ސްޓޭޓުގެ އެކި ދީންތަކާއި ނަސްލުތަކުގެ 81 މީހަކާ އިންޓަވިއު ކުރުމަށް ފަހު އެމްނެސްޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ސްޓޭޓުގައި އަސްކަރިއްޔާއިން ދަނީ މީހުން މަރައި، ގާނޫނީ ހަމަތަކާ ހިލާފަށް މީހުން ހައްޔަރުކޮށް، އަނިޔާކޮށް، ގެއްލުވާލަމުންނެވެ. އަދި އެ އަނިޔާގެ އަމާޒަކަށްވާ މީހުންގެ ތެރޭގައި ރޮހިންގާ މުސްލިމުންވެސް ހިމެނެއެވެ.

ދެހާސް ސަތާރަވަނަ އަހަރު މިޔަންމާ އަސްކަރިއްޔާއިން ރާހީން ސްޓޭޓުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ސަބަބުން 700،000 އަށް ވުރެ ގިނަ ރޮހިންގާއިންނަށް ގައުމު ދޫކޮށް ދާން ޖެހުނެވެ. ނަމަވެސް އެ މައްސަލައިގައި މިޔަންމާއިން ދައުވާކޮށް ހުކުމްކޮށްފައި ވަނީ އެންމެ ހަތް ސިފައިންގެ މީހުންގެ މައްޗަށެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލްގައި، 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެ ސިފައިން ވަނީ މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލާފައެވެ.

comment ކޮމެންޓް