ދަސްނުކޮށް ފަރިތަނުކޮށް މޮޅަށް ރަނގަޅަށް ކުރެވޭ ހަމަ އެއްކަމެއް ވެސް ނޯވެ އެވެ. އެކަންކަން އަމިއްލަ އިހުތިޔާރަކާއި ނުލައި ކުރެވެމުންދާ ކަންކަންމެނުވީ އެވެ.
ސަމީރާ އޭނާގެ ދަރިފުޅު ގެންގުޅެ ބޮޑުކުރީ ރަނެއްމަލެއް ހެނެވެ. އެ ޒަމާނުގެ ގޮތުން އޭރުގެ ފެންވަރުގައި ހުރިހައި ބޭނުމެއްހެން ފުއްދައިދީގެނެވެ. އެމަންޖެ ބޭނުންވެގެން ބުނާ ކޮންމެކަމެއްހެން އެދެމަފިރިން ގެންދިޔައީ ކޮށްދޭހިތުން ތިބެ ކޮށްދެމުންނެވެ. މަތިހަދައި ރީތިވުމަކީ އެމަންޖެ (ލަތީފާ) ކުރާހިތުން ކުރާ ކަމެކެވެ. އެކަމަށް ބޭނުންވާ ހުރިހައި އެއްޗެއް ހުންނަނީ ހަމަކޮށްދީފަ އެވެ. އެއްމެހެޔޮވަރުގެ އަނދުންދަޅަކާ މާފެން އަޅައިގެން ދޮވެ ވަސްދުއްވާފައި ހުންނަ ކާށިތެލުގެ އިތުރުން މޫނުބަލާނެ ކުޑަ ލޯގަނޑަކާ ޖަހާނެ ޗޯކު ވެސް ލަތީފާގެ ބައްޕަ ދީފައި ހުންނަ ކުޑަ ގަލަންދާނުގައި ހުރެ އެވެ.
އަހަރުތައް ފާއިތުވަމުން ގޮސް ލަތީފާއާއި އަޅައިގަނެ ކައިވަންޏަށް މީހަކު އަހައިފި އެވެ. އެ ސުވާލުކުރިމަތީ ވުމާ އެކު ލަތީފާގެ ބައްޕަ ފުރަތަމަ ވެސް ސަމީރާކުރެން އެހީ އެމަންޖެ މިކައިވަންޏާރުހޭތޯ އެވެ. ސަމީރާއަށް އޭރުއޮތީ އެ ފިރިހެން ކުއްޖާ ލަތީފާއާ މައްލަވަކޮށް ހަދާކަމާ އެ ދެމީހުން ވެސް އެކަންބޭނުންވާކަން އެނގިފަ އެވެ. އަދި ވަކީން ޚާއްސަކޮށް އެ ކުއްޖާ އެގޭ ދޮށުންދާ އިރު އިރަށް ލަތީފާ ވަކިން ރީތިވެގެން ދޮރުކައިރީގައި ހުންނަތަން ވެސް ސަމީރާއަށް އޮތީފެނިފަ އެވެ. ނަތީޖާއަކަށްވީ އެ ދެމަފިރިން ވެސް އެކަމަށް ރުހި އާނބަސް ބުނުމެވެ. އެޔާ އެކު އަންނަ ހުކުރު ވިލޭރެއަށް ކައިވަނިހަމަ ޖެއްސީ އެވެ.
ލަަތީފާގެ ބައްޕައަކީ ކިއްސަރުވަޑާންކުރާ މީހެކެވެ. ވުމާ އެކު އޭނާ ގެންދުޅޭ އެކަމުގެ ހަތިޔާރު ތަކުތެރޭގައި މަޑި ހަން ހުރެ އެވެ. އެއިން ބައްޕަ ފައިގެދަށްފުށް ގާނާހަދާތަން ލަތީފާއަށް ވަނީ ފެނިފަ އެވެ. އޭގައި އަތްލައި އިހުސާސްކޮށް އެ ހުންނަ ރާޅުކުރަކިކަން ލަތީފާ އަށް އޮތީ ދަސްވެފަ އެވެ.
ވުމާއެކު އޭނާގެ އަމިއްލަބޭނުމަށް އޭގެ ހަންގަނޑެއް އެދުވަހު ގެނަ އެވެ. ފެންވަރަން ވަދެ ވަޅުދޮށުގައި ހުރެ އޭނާއަށްވީ އެއްމެ ރަނގަޅަކަށް މުޅިގައިގައި ލޮޓަސް (ދަނޑި) ސައިބޯނިލި އެވެ. ފެންވަރާ ނިމިގެން އައިސް ހިތްހަމަޖެހޭ ވަރުވޭތޯ ލޯގަނޑުން މޫނުބަލައިލި އެވެ. ލަތީފާއަކީ އާދައިގެ އޮޅަލި ކުލައިގެ ކަޅުކުއްޖެކެވެ. އޭނާއާ ކައިވެނި ކުރަން އެ އަންނަނީ ވަރަށް ދޮންކުއްޖެކެވެ. ލޯގަނޑުން އަމިއްލަ މޫނު ދެކެފައި ހިތްހަމަނުޖެހުނީ އެހެންވެގެން ވެސް ތޯއްޗެކެވެ. ލަތީފާ އަލުން ގިފިއްޔައްވަނީ އެވެ. މިފަހަރު ދިޔައީ އެއްކަލަ މަޑިހަންގަނޑު ވެސް ހިފައިގެންނެވެ.
ކައިވަނިކޮށްގެން އަނބިދައްކަން ހެކިވެރިން ލަތީފާ މެންގެއަށް އެ ފިރިހެންކުއްޖާ ގެނަ އެވެ. ލަތީފާ ހުރީ މޫނު ނިވާވާ ގޮތަށް ފޮށައެއް ޖައްސައިގެނެވެ. މޫނު ފޮރުވަނީ ކީއްވެތޯ އެ ފިރިހެންކުއްޖާ އެހީމާ ލަތީފާ ޖަވާބުދިނެވެ. އެއީ ފެންވަރަން ގޮސް މާބާރަށް މޫނު އުނގުޅާލެވުނީމާ ބައެއްތަންތަން މަށައިގެން ދިޔައީ އެވެ. މިހިރީ މަންމަމެން އެތަންތާ ކަނޑިފާރު ބޭސް އުނގުޅައިދީފަ އެވެ.
(ދޮންވާން މިޔަރުހަންގަނޑުން ގަދައަށް އުނގުޅި ވާހަކަ އޭނާއެއް ނުބުނެ އެވެ.)