ރޯދަ މަހު ދުވާލު ކައިގެން 19 މައްސަލައެއް، 12 މީހަކު ހައްޔަރުކުރި

ރޯދަ މަހު ދުވާލު ކައިގެން 19 މައްސަލައެއް ފުލުހުންނަށް ހުށަހަޅެއިރު، ދުވާލުކައިގެން 12 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 12 ހައްޔަރު ކޮށްފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހު 20 ވަނަ ދުވަހަށް ފުލުހުންނަށް ހުށަހެޅި 19 މައްސަލައަކާ ގުޅިގެންނެވެ.

ހައްޔަރު ކުރި 12 މީހުންގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކޮށްފައިވަނީ މާލޭ ސިޓީ އިންނެވެ. އަދި ދެ މީހުން ހައްޔަރު ކޮށްފައިވަނީ އަތޮޅު ތެރެއިންނެވެ. 11 މައްސަލަ މާލޭ ސިޓީން ހުށަހެޅި އިރު، އަށް މައްސަލަ ހުށަހެޅީ އަތޮޅު ތެރެއިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، 12 މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ތިން ދުވަސް ޖެހި ކަމަށާއި ނަމަވެސް މިހާރު އެންމެ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ޕްރޮސެކުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ގަބޫލުކުރެވޭ ފަދަ ދީނީ އަދި ސިއްހީ ސަބަބެއް ނެތި ރޯދަ ދޫކޮށްލުމަކީ ކުށެކެވެ. އެ ކުށް ކުރި ކަން ކޯޓަށް ސާބިތުވެއްޖެނަމަ، ދެވޭނެ އެންމެ ބޮޑު އަދަބަކަށް އޮންނަނީ ތިން މަހަށް ޖަލަށްލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށް ލުމެވެ.

comment ކޮމެންޓް