ސިނގިރެޓް އެތެރެކުރުމަށް ކޮށްފައިވާ ހޭދަ ފާއިތުވި ނުވަ އަހަރު ދުވަހުގެ ތެރޭގައި 103 ޕަސެންޓް އިތުރު: ތަފާސް ހިސާބް

14:30


ދުންފަތުގެ ވިޔަފާރި ހުއްޓުވުމަށް ރާއްޖޭގެ ވިޔަފާރިވެރިންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށާއި، ސިނގިރެޓް އެތެރެކުރުމަށް ކޮށްފައިވާ ހޭދަ ފާއިތުވި ނުވަ އަހަރު ދުވަހުގެ ތެރޭގައި 103 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ދުންފަތުގެ ވިހަ ދުމުން ތިމާ އާއި އާއިލާ އާއި މުޅި މުޖުތަމައު ސަލާމަތްކުރުމަށް އެންމެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފި އެވެ.


ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވިދާޅުވުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ހުކުރު ހުތުބާގައި މިއަދު ވިދާޅުވެފައި ވަނީ، 2000 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓަށް 56 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އަދި 2006 ވަނަ އަހަރު އެ އަދަދު 89.6 މިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިއީ 60 ޕަސަންޓުގެ ބޮޑުވުމެކެވެ.


އަދި 2009 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓަށް 114 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ހާމަކުރެއްވި ތަފާސްހިސާބުތަކުގައި ވިދާޅުވެފައިވެ އެވެ. މިއީ 2000 ވަނަ އަހަރާ އަޅާބަލާއިރު 103.57 ޕަސަންޓުގެ އިތުރުވުމެކެވެ.


ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުލް ސުލްތާނު މުހައްމަދު ތަކޖުރުފާނުން އައުޒަމްގައި އިމާމްވެ ހުކުރު ކުރެއްވި އިމާމް ވިދާޅުވީ ދުންފަތުގެ ވިޔަފާރި ހުއްޓާލައިފި ނަމަ، ތިމާގެ އަމިއްލަ ވިޔަފާރި އަށް ގެއްލުންވެދާނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. އިމާމް އަދި ވިދާޅުވީ އިސްރާފު ކުރުމަކީ އިސްލާމް ދީންގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށެވެ.


ދުންފަތަކީ އޭގެ ސަބަބުން ތިމާއަށާއި ތިމާގެ އާއިލާ އަށާއި މުޅި މުޖުތަމައު ވެސް ގެއްލުންދޭ އެއްޗެއް ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެފައިވެ އެވެ. އަދި ތިމާ އަށް ގެއްލުންދޭ އަދި ގެއްލުމަށް މަގިފަހިކުރުވާ ކޮންމެ އެއްޗަކީ ވެސް އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެއް ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައިގަންނާ ކަމަށް ވެސް އިމާމު ވިދާޅުވި އެވެ. އަދި އެތެރެހަށީގެ ބަލިތަކުގެ އެންމެ ބޮޑު އަސްލަކީ ދުންފަތް ކަމަށް ކީރިތި ރަސޫލާ ހަދީސްކުރައްވަފައިވާ ކަމަށް ވިދާޅުވެ، ދުންފަތުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަޔްކުރުމަށް އިމާމު ގޮވާލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު