ސްޕޯޓްސް ކޮމިޝަނަރުކަމަށް ހީނާ ސަލީމް އައްޔަނުކޮށްފި

އަހްމަދު ސަލީމް (ބޮޑު ހީނާ)

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް މ. ހީނާގަސްދޮށުގެ، އަހްމަދު ސަލީމް (ބޮޑު ހީނާ) މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ސަލީމް އެ މަގާމަށް އައްޔަނުކުރެއްވީ ކުޅިވަރާ ބެހޭ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުންނެވެ.

ކުޅިވަރުގެ ދާއިރަގައި ވަރަށް ދިގު މުއްދަތަކަށް ސަލީމް ހިދުމަތް ކުރައްވާފައިވާ އިރު، އޭނާ އަދިވެސް އަންނަނީ ބޮޑެތި ހިދުމަތްތަކެއް ކުރައްވަމުންނެވެ.

ސަލީމުގެ ކުޅިވަރު ހަޔާތް ފެށުނީ މަރުހޫމް މުހައްމަދު ޒާހިރު ނަސީރު ހިންގެވި ނާސިރު ސްޕޯޓްސް އެކެޑަމީންނެވެ. އޭގެ ފަހުން، 1979 ވަނަ އަހަރު ކްލަބް ވެލެންސިއާ އުފެއްދުމުގައި ސަލީމް އިސް ދައުރެއް އަދާކުރެއްވިއެވެ.

ސަލީމް 1991 ވަނަ އަހަރު "ޔޫތު ސްޕޯޓްސް ކްލަބް" އުފައްދަވައި، ޒުވާން ކުޅުންތެރިންނަށް ކުުޅިވަރު ކުޅުމުގެ ފުރުސަތު ހޯއްދަވައިދެއްވިއެވެ. ޔޫތު ސްޕޯޓްސް ކްލަބުން ފާހަގަކުރެވުނު ގިނަ ކުޅުންތެރިން ރާއްޖޭގެ ކުޅިވަރުގެ އެންމެ މަތީ ފަންތީގައިވެސް ހިމެނެއެވެ.

ސަލީމަކީ ފުޓުބޯޅައިގެ އިތުރުން ކްރިކެޓު، ހޮކީ، ބެޑްމިންޓަން، ބާސްކެޓު، ޓެބަލްޓެނިސް، ބައިސްކަލު ރޭސް އަދި ޓެނިސްވެސް ކުޅުއްވިއެވެ. މީގެ އިތުރުން ފުޓުބޯޅަ ކޯޗުކަމާއި ރެފްރީކަންވެސް ކުރެއްވިއެވެ.

ސަލީމު މިހާރު ގެންދަވަނީ ޒުވާން ފުޓުބޯޅަ ކުޅުންތެރިން ބިނާކުރުމުގެ ގޮތުން "އާލީޓަޗް ފުޓުބޯޅަ އެކެޑަމީ"ގެ ނަމުގައި އެކެޑަމީއެއް ހިންގަވަމުންނެވެ. އެ އެކެޑަމީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދެޖިންސުގެ ކުޑަކުދިންނަށް ފުޓުބޯޅަ ދަސްކޮށްދެއްވައި، ފުރުސަތުތައް ހޯއްދަވައިދެއްވައެވެ. އަދި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ޓީމުތައް ބައިވެރިވުމުގެ ފުރުސަތުވެސް ދަނީ ހޯއްދަވައިދެއްވަމުންނެވެ.

ސަލީމަށް ވަނީ ކުޅިވަރުގެ ދާއިރާއިން 2018 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ސަލީމު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް މިއަދު އައްޔަނުކުރެވުނު އިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އެ މަގާމުން ވަކިކުރީ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

comment ކޮމެންޓް