ސެންޗޫރިއަންގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަނީ

ސެންޗޫރިއަންގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: ސެންޗޫރިއަން

ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި ފުރަތަމަ އަމިއްލަ ކުންފުނި ސެންޗޫރިއަންގެ ހިއްސާ އަކަށ 3.50 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ސެންޗޫރިއަންގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ ކުންފުންޏަށް ލިބުނު ފައިދާގެ 50 ޕަސެންޓެވެ. އެއީ 2.7 މިލިއަން ރުފިޔާ އެވެ.

ސެންޗޫރިއަންގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވަނީ މިއަހަރުގެ މެއި 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސެންޗޫރިއަންގެ އޮޑިޓަރުންގެ ގޮތުގައި ނަގާފައިވަނީ ކޭޕީއެމްޖީ އެވެ.

ސެންޗޫރިއަން އަކީ ރާއްޖޭގައި ޝިޕިން އާއި ލޮޖިސްޓިކްސްގެ ހިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނިން ލޮޖިސްޓިކްސް މެނޭޖުމެންޓު، ޝިޕް އޯނަރޝިޕާއި މެނޭޖްމެންޓް، މުދާ ގުދަންކުރުމާއި ޑިސްޓްރިބިއުޝަން، ފްރައިޓް މެނޭޖުމެންޓު އަދި ޝިޕިންގް ޚިދުމަތް ދެއެވެ.

އެ ކުންފުނިން ސްޓޮކް އެކްސްޗޭންޖުގައި ރެޖިސްޓްރީކޮށް އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.

comment ކޮމެންޓް