ބަޔަކު މީރުކޮށް ކާއެއްޗެއްކަން އެނގޭއިރުވެސް، ދުވަހަކު ވެސް ނުކާ އާ އެއްޗަކަށް ވާތީ، ފުރަތަމަ ވެސް ހުރެވުނީ ކާން ޖެހިލުންވެ ދެ ފިކުރެއްގެ މަތީގަ އެވެ. ރޮއްޓެއްގެ ބައްޓަމަށް، ތުނިކޮށް، މުރަނަކޮށް ހުރި އެ މަޑު ހުދު ކުލައިގެ ފޮޅި އަނގައަށް ލުމާއެކު އޭގެ ޒާތުގައި އަނގައިގެތެރެއަށް ވިރިގެން ދިޔައީ އެވެ. އަރުތެރޭގައި ލީ، މަޑު ފޮނި، ހުވަނދު މަލުގެ ރަހަޔެކެވެ. އެއީ ހާލު ފޮޅީގެ މީރު ރަހަ އެވެ. މިއީ ޒަމާނުއްސުރެ ކުޅުދުއްފުއްޓަށް ހާއްސަވެފައި އޮތް ރަހަ އެކެވެ.
ހޯދުނީވެސް ހާލުން
އެ ހިތްގައިމު ރަހަ ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރުމުގެ ގަޑިއެއްހާއިރު ކުރި އެވެ. ސައިކަލެއްގެ ފަހަތު އިނދެގެން ތެޅި ފޮޅެމުން، ގަދަ އަވީގައި ކުޅުދުއްފުށި ކުޑަ ކުރީ، މާލޭގައި ތިބި އެކުވެރިންނަށް ގެންދާނެ ހާލުފޮޅި ކޮތަޅެއް ލިބޭތޯ އެވެ. ފުރަން ބާކީ ގަޑިއެއްހާއިރު އޮތަސް ހާލު ފޮޅި ނުލާ ގޮސްފި ނަމަ، ރަށްޓެހިން މަފަކީރު ނޮޅާލާނެކަން އެނގޭތީ ގަނަތެޅެގެން ވެސް ހާލުފޮޅި ހޯދަން ނިކުތީ އެވެ.
އޯޑަރު ނުލިބޭތީ އެ ދުވަހު ހާލު ފޮޅި ވިއްކާ ގިނަ ގެތަކުގައި ހާލު ފޮޅި ތައްޔާރެއް ނުކުރެ އެވެ. އެކަމަކު ކުޅުދުއްފުށިން އަހަންނަށް ދިމާވި ރަހުމަތްތެރިޔާ ޔަގީންކަން ދިނީ، ހާލު ފޮޅި ހުރި ތަނަކުން ހޯދައިދޭނެ ކަމަށެވެ.
ބޫމް ބޫމް ލާފައި ރަށު ތެރޭ ދުއްވަމުން ދުއްވަމުން ގޮސް ހުއްޓުނީ، ބިޔަ ކެޔޮގަހެއް ހެދިފައި ހުރި ގޯޗެއްގެ ކުރިމައްޗަށެވެ. އެ ގޯއްޗަށް ވަންނަން ހުރި ފުޅާ ލަކުޑި ދޮރު ހުޅުވާލުމަށް ފަހު އެކުވެރިޔާ އައްސަލާމްއަލައިކުމްއޭ ބުނަމުން ހާލު ފޮޅި އެބަ ހުރިހޭ ބާރު ބާރަށް ސުވާލުކުރި އެވެ.
ގޭ ތެރެއިން ނިކުތް ދިގު ހެދުން ލައިގެން ހުރި މެދު އުމުރުގެ އަންހެން މީހާ އެ ސުވާލަށް ނުހަނު އަވަހަށް ޖަވާބުދިނެވެ؛ "އާ އެކޮއި! ހާލު ފޮޅި އެބަ ހުރި" އަދި ބޭނުންވަނީ ކިހާވަރެއްހޭ ވެސް ސުވާލުކޮށްފި އެވެ. އެ ލިބުނީ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ. އެންމެ ފަހުން ހާލުފޮޅި ލިބެނީ އެވެ.
އަތުގައި އެވަގުތު ފައިސާ ހުރި ވަރަށް ބަލާފައި 50 ރުފިޔާއަށްވާ ވަރުގެ ހާލު ފޮޅި ކޮތަޅެއް ނެގީ އެވެ. އަންހެން މީހާ ބުނި ގޮތުން އެ ކޮތަޅުގައި ގާތްގަނޑަކަށް 30 ހަކަށް ހާލު ފޮޅި ހުންނާނެ އެވެ. ރަހުމަތްތެރިޔާގެ ލަފަޔަކީ، އެއީ ރަނގަޅު ރޭޓެއް ކަމަށެވެ. އާންމުކޮށް އެ ރަށު ހާލު ފޮޅި ލިބެނީ ފޮޅިއެއް ދެ ރުފިޔާގެ ރޭޓުން އެވެ.
ބަދިގެ ތެރެއަށް
ހާލު ފޮޅި ކޮތަޅެއް އަތު ޖެހުނަސް އެތަނުން ނުކުތީ މުޅިން ހިތްޖަމަ ޖެހިގެނެއް ނޫނެވެ. އެއީ ހާލު ފޮޅި ތައްޔާރު ކުރާ ގޮތްވެސް ބަލަން ބޭނުންވާތީ އެވެ.
އެކަމަކު، "ކޮށިއެރީ" ދެ ގޮންޖެހުމެއް ކުރިމަތިވުމުންނެވެ. އެއީ ރަށުގައި ހުންނަން މާ ގިނަ ވަގުތެއް ނެތުމާއި، ހާލު ފޮޅި ގަތް ގޭގައި ހާލު ފޮޅި ހެދުމުގެ މަސައްކަތް އެ ދުވަހަށް ނިންމާލާފައި އޮތީމަ އެވެ.
ނަސީބު ދިމާ ކުރި ގޮތުން އެ ދުވަހުގެ ތަންކޮޅެއް ފަހުން ހަނިމާދޫ އެއާޕޯޓަށް ފުރަން އޮތް ލޯންޗަކުން ޖާގަ ލިބުމުން ރަށުގައި ހުންނަން އިތުރު ގަޑިއިރަކާއި ބައި ލިބުނެވެ. އެހިސާބުން އަނެއްކާވެސް ރަށް ކުޑަ ކުރަން ފެށީ އެވެ. މިފަހަރު ހާލު ފޮޅި ތައްޔާރު ކުރާތަން ބަލައިލަން ގޭގެއަށް ވަންނަން ފެށީ އެވެ.
މާ ގިނަ އިރުތަކެއް ނުވަނީސް ހާލު ފޮޅި ފިހަމުން ދިޔަ ގޯއްޗަކަށް ވަދެވިއްޖެ އެވެ. އެ ގޯތީގައި ހާލު ފޮޅި ފިހަމުން ދިޔައީ، ގެއާ ވަކިން ހުރި ބަދިގެއެއްގެ ތެރޭގައި، ހުރި ދަރު އުނދުނެއްގަ އެވެ.
އަރަމުން ދިޔަހާ ދުމަކާއި، ވަމުން ދިޔަ ހޫނުގެ ތެރޭގައި އުނދުން ކައިރީގައި އެ މަސައްކަތުގައި އަވަދި ނެތި އުޅުނީ ހިތްހެޔޮ ދައްތައެކެވެ. ސަލާމް ބަލައިގަނެ، ހިނިތުންވުމަކާ އެކު ހާލު ފޮޅިއާ ބެހޭ ގޮތުން އަނގަތަޅަން ފަށައި، އެއާ ބެހޭ މައުލޫމާތު ދޭން ފެށި އެވެ.
އެ ދައްތަ ކިޔައިދިނިް ގޮތުގައި ހާލު ފޮޅި ހަދަނީ ހިނމުންކޮށް ފުނޑާފައި ހުންނަ ހަނޑުލާއި ކުކުޅުބިހާއި ހަކުރާއި ހުވަނދުމާ ފެން އަޅައިގެންނެވެ. އެ ހުރިހާ އެއްޗެއް ގުޅުވައިދީ، އެކައްޗަކަށް ހަދައިދެނީ ހުވަނދުމާ ފެނެވެ.
"މި ހަދާ ގޮތަކީ ހަނޑޫ ފުނޑާފައި، ހަކުރާ ބިހާ އެއްކޮށްފައި، ފުއް އަޅާފައި، ފުރާނާފައި ދެން ފެން އަޅާފައި ފިހަނީ ހަމަ،" ދައްތަ ކިޔައިދިނެވެ.
ހާލުފޮޅި އަކީ ވަރަށް މަޑު ގިންޏެއްގައި ފިހާ ފޮޅިއެކެވެ. އެފޮޅި ފިހުމަށްޓަކައި އުނދުން ރޯކުރަނީ ކީސް ކުނޑި އަންދައިގެން އެވެ.
ފިހުމަށް ފަހު ފޮޅި ދެން ނަގާފައި އައްޓެއްގެ މަތީގައި ބަހައްޓައިގެން އަވީގައި ލަނީ އެވެ. އެއީ އެ ފޮޅިތައް އެއް ފޮޅި އަނެއް ފޮޅިއާ ތަތް ނުލަވާނެހެން މުރަނަ ކުރުމަށެވެ. އަވީގައި ލުމުން ފޮޅި މުރަނަވި ނަމަވެސް، ފަހުން މަޑުވެއެވެ. ފޮޅިތައް އެއްވަރުކޮށް، އޮމާންކުރަން ފޮޅިތަކުގެ މަތީގައި ސާފު ސަތަރިގަނޑެއް އަޅައި، ސަތަރިގަނޑު އުނދުހިގެން ނުދާނެހެން ލަކުޑި ބަރުތަކެއް ބަހައްޓަ އެވެ. މިކަން މިވީ ހީކުރި ވަރަށް ވުރެވެސް އުނދަގޫ ކަވި މަސައްކަތަކަށެވެ.
ކާން ވަކި ގޮތެއް ނޯވޭ
މެހެމާންދާރީއަށް ދައްތަ ދިއްކޮށްލި ސަންކުއިކް ޖޫސްތައްޓަކާ އެކު އަނގަތަޅަމުން ވާހަކަ ކުރިއަށް ގެންދިޔައީ އެވެ. ސަންކުއިކް ޖޫސްފޮދެއް ބޯލާފައި، އަތުގައި އޮތް ކޮތަޅުން ހާލު ފޮޅިއެއްގެ ތަންގަނޑެއް ވީދާލައިގެން އަގަޔަށް ވެސް ކޮއްޕާލަމެވެ. މަށަށް ހާލުފޮޅީގެ ރަހަ ފުރަތަމަ މި ބެލުނީ ސަންކުއިކް ޖޫހާ އެކު އެވެ.
ދައްތަ ކިޔައިދިން ގޮތުގައި، ކުޅުދުއްފުށީ މީހުން ހާލު ފޮޅި ކައި އުޅެނީ އެކި ގޮތް ގޮތަށެވެ. އަދި އެއީ ވަކި ގަޑިއެއްގައި ކާން ހާއްސަ އެއްޗެއް ނޫނެވެ. ކާން ހިތް ޖެހުނީމާ ކާންވީ އެވެ. އެއީ ޒަމާނުއްސުރެ ވެސް އާދަ އޮންނަ ގޮތެވެ.
މީހުން ހާލު ފޮޅި ކައި އުޅޭ ގޮތްގޮތަށް ބަލާއިރު، ހުހަށް ކެއުމުގެ އިތުރުން، ކިރު ސަޔާ ޖަހައިގެންވެސް ކައި އުޅެއެވެ. އަދި ބައެއް މީހުން ގެރިކިރާ ޖަހައިގެންވެސް ކައި އުޅެއެވެ. އެންމެ ކުރިން މީހުން ހާލު ފޮޅި ކައި އުޅުނީ ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ ކާށި ކިރަށް އަޅައިގެން އެވެ.
ފަހުގެ ތާރީހެއްގައި ފިނި ކިރަށް އަޅައިގެން ވެސް މީހުން ހާލުފޮޅި ކައި އުޅެއެވެ. އަދި ހޫނު ކިރުތައްޓަށް އަޅާފައި ބެހެއްޓުމަށް ފަހު، ފިނިކޮށްގެންވެސް މީހުން ބޮއެ އުޅެ އެވެ.
"ހޫނުކޮށް ހުންނަ ކިރުތައްޓެއްގެ ތެރެއަށް ހާލު ފޮޅި އަޅާފައި، އެ ކިރު ތަށި ފިނިކޮށްފައި ދެން ބުއީމަ މެއަށާއި މުޅި ހަށިގަނޑަށް ލިބޭ ފިނިކަން ބަޔާން ކުރާނެ ލަފުޒުތަކެއް އަޅުގަނޑަކަށް ނޭނގޭ،" ހާލު ފޮޅި ތަޖުރިބާ ކުރި ރާއްޖޭގެ އެންމެ ދެކުނަށް ނިސްބަތްވާ މީހަކު އެނާގެ ތަޖުރިބާ ކިޔައިދިނެވެ.
ކުޅުދުއްފުށިިން ފައިބާ އިރު ފައިބަން ވާނީ ހާލުފޮޅިއާ އެކު ކަމަށް މީހުން ބުނެ އުޅެއެވެ. މެންދުގެ ގަދަ ހޫނުގައި ތެޅި ފޮޅިގެން ކުރި މަސައްކަތުން އެކަން ހާސިލުވީ އެވެ. ކުޅުދުއްފުއްޓަށް އައި ކަމަށް ވާނީ ހާލުފޮޅިއެއްގެ ރަހަ ބެލުނީމަ އެވެ. އަދި ކިރިޔާ އެކަންމިވީ އެވެ. ގަޑިއެއްހާއިރުގެ މަސައްކަތުން ފުރަތަމަ ފަރަހަށް ހާލުފޮޅިވެސް ތަޖުރިބާ ކުރެވުނީ އެވެ. ރަށުން ފައިބައިގެން މިދެވެނީ ހިތްހަމަޖެހިލައިގެން ހުރެ ނިކަން އުފަލުން އެވެ.