ޣައްސާން މައުމޫން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގެތެރޭ އެންދެރިމާގޭ ކައިރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް ޣައްސާން މައުމޫނަށް މިރޭ ޗިޓް ފޮނުވައިފި އެވެ.

ޣައްސާން މައުމޫންގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވީ މިރޭ ފުލުހުން އެންދެރިމާގެއަށް ޗިޓް ހިފައިގެން ދިޔަ ކަމަށާއި ނަމަވެސް އެ ޗިޓާ ޣައްސާން ހަވާލުވެވަޑައިގެންފައި ނުވާ ކަމަށެވެ. ވައްޑޭ ވިދާޅުވީ އެއީ ކޮން ބޭނުމަކު ހަވާލު ކުރާ ޗިޓެއްތޯ ފުލުހުންނާ ސުވާލު ކުރުމުން މައުލޫމާތެއް ސާފު ކުރަން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް ފުލުހުން ބުނެފައިނުވާތީ އެ ޗިޓާ ހަވާލުނުވީ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

"އެބޭފުޅުން ނޫޅުއްވާ ކޮންމެހެން އަޅުގަނޑުމެން އެ ޗިޓާ ހަވާލުނުވީމަ ހަވާލު ކުރާކަށް. އަޅުގަނޑުމެން އެއީ ކީއްކުރަން ކޮން ބޭނުމަކު ހަވާލު ކުރާ ޗިޓެއްތޯ ސުވާލު ކުރީމަ މައުލޫމާތު ސާފު ކުރަން ކަމަށް ވިދާޅުވެފައި ދިޔައީ،" ވަހީދު ވިދާޅުވި އެވެ.

ޣައްސާން މައުމޫނަށް މިރޭ ޗިޓް ފޮނުވީ ކޮންބޭނުމަކުތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިޔާމް ވިދާޅުވީ އިއްޔެ އެންދެރިމާގޭ ކައިރީ ހިނގި ހަމަނުޖެހުންތަކާއި ޒުވާނަކު ޒަޚަމްވި މައްސަލައާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާއިރު ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ޣައްސާނަށް ޗިޓެއް ފޮނުވި ކަމެއް ވެސް ނުވަތަ ނުފޮނުވާ ކަމެއް ވެސް ޝިޔާމް ޔަގީންކޮށެއް ނުދެއްވި އެވެ. ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުން މިހާރު ވެސް ގެންދާ ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެންދެރިމާގޭ ކައިރީ ހިންގި ޖަރީމާތައް ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ނުބަލަނީ ކީއްވެތޯ ޗިޓް ހަވާލު ކުރަން ދިޔަ ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ "އަޅުގަނޑުމެން ކަންތައް ކުރަނީ ވެރިން ވިދާޅުވާ ގޮތަށް ކަމަށް" ކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވާ ވެރިންނަކީ ކޮންބައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކެއް ނުބަލައި ވަކި މައްސަލަތަކެއް ބަލަން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށެވެ. އަދި ފުލުހުންނަކީ ސިޔާސީ ބަޔަކަށް ނުވާއިރު އެކަން އެގޮތަށް ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރަން ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުނާއި އެމްޑީޕީގެ އެކްޓިވިސްޓުން ސުޕްރީމް ކޯޓު ކުރިމަތީގައި އިއްޔެ މެންދުރު ފަހު ފެށި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ކައިރިއަށް އެއްވެ، އެ ގެއަށް ގެއްލުންދީ ހަމަނުޖެހުންތައ ހިންގާފައި ވެއެވެ.
މުޒާހަރާގައި އެމްޑީޕީގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެންދެރިމާގެއާ އިންވެގެން ހުރި އެންދެރިގަސް ކިޔާ ގެއަށް ވެސް ގެއްލުންދީފަ އެވެ. އެ ގޮތުން އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ. އޭގެ އިތުރުން އެންދެރިގަހުގެ ގަރާޖެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދުން ދިން އިރު އެ ސަރަހައްދުގެ ބައެއް ގޭގެއިންނާއި އެކި ދިމަދިމާއިން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ގެއްލުންދޭން މަސައްކަތްކޮށްފައެވެ. އަދި އެންދެރިމާގޭ އިލްޔާސް އިބުރާހިމް (ނ ޢ ޢ ވ) ގެ އަމިއްލަ ގެކޮޅު، އަލިވާގޭގެ ގަރާޖަށް ވަނީ ގެއްލުން ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު