އަފްގާނިސްތާނުގެ ނޫސްވެރިޔަކު ކާބުލްގައި މަރާލައިފި

އަފްގާނިސްތާނުގެ ނޫސްވެރިޔާ އަދި ޕާލިމެންޓުގެ މުޝީރު މީނާ މަންގަލް ވަނީ ހޮނިހިރު ދުވަހު މަރާލާފަ -- ފޮޓޯ: ފޭސްބުކް

ކާބުލް (މެއި 13): އަފްގާނިސްތާނުގެ ނޫސްވެރިއެއް އަދި ޕާލިމެންޓުގެ މުޝީރެއް ކަމަށްވާ މީނާ މަންގަލް އެގައުމުގެ ވެރިރަށް ކާބުލްގައި މަރާލައިފި އެވެ.

އަފްގާން އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ހޮނިހިރު ދުވަހު މަންގަލްގެ ގަޔަށް ބަޑި ޖަހާ މަރާލީ އޮފީހަށް ދިޔަ މަގުމަތީގަ އެވެ. މީގެ ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މަންގަލް ފަހުން ފުރަމުން އައީ އަފްގާން ޕާލިމެންޓުގެ ކަލްޗަރަލް އެފެއާޒް ކޮމިޝަންގެ މުޝީރެއްގެ މަގާމެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ވަޒްމާ ފުރޮގް ބުނި ގޮތުގައި މަންގަލް ވަނީ އޭނާއަށް ބަޔަކު މަރުގެ އިންޒާރު ދެމުންދާ ކަމަށް ދާދި ފަހުން ފޭސްބުކުގައި ޕޯސްޓުކޮށްފަ އެވެ.

މަންގަލްއަށް އެއިންޒާރުތަކާއި ހަމަލާ ދިން ކޮން ބަޔެއްކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް އަފްގާން ފުލުހުންގެ ތަރުޖަމާނަކު ވަނީ މަންގަލްގެ އާއިލާގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުގައި ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެ އެވެ. އަދި މިދިޔަ އަހަރު ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ވަނީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމަކީ އެގައުމު ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް