މަރުހަބާ! އުނޫޝާއަށް ފިރިހެން ކުއްޖެއް

އުނޫޝާ އާއި ހަމީޝް--- ފޮޓޯ: ފޭސްބުކް/ އުނޫޝާ

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

އުނޫޝާ ވިހަފައިވަނީ މިއަދު ހެނދުނު އޭޑީކޭގައެވެ. އުނޫޝާގެ ފިރިމީހާ އިބްރާހިމް ހަމީޝް "ސަން" އަށް ބުނީ އުނޫޝާ ވިހެއީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައި ކަމަށެވެ.

"މިވަރުގެ އުފާވެރިކަމެއް އަދި ހަޔާތުގައި ނުލިބޭ. ﷲ އަށް ޝުކުރުވެރިވަން،" މަގުބޫލު ޕްރެޒެންޓަރު ހަމީޝް ކިޔައިދިނެވެ.

އިންޓަސްްކޫލު ލަވަ މުބާރާތުން މަޝްހޫރުވި އުނޫޝާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިން ތެރޭގައި ހިމެނޭ ލަވަކިޔުންތެރިއެކެވެ.

މީގެ އިތުރުން އޭނާ ވަނީ ބޮލީވުޑުގެ ފިލްމަކަށްވެސް ލަވަ ކިޔައިދީފައެވެ. އެގޮތުން ޕޫޖާ ބަޓް ޑައިރެކްޓްކޮށް، 2012 ވަނަ އަހަރު ނެރުނު ފިލްމު "ޖިސްމް 2" ގައި، އުނޫޝާގެ ލަވަ "ހޭވައްލާ" ވަނީ ހިމެނިފައެވެ.

އޭގެ އިތުރުން މޯލްޑިވިއަން އައިޑޮލް ތިން ސީޒަންގައިވެސް ފަނޑިޔާރުކަން އޭނާ ކުރިއެވެ.

އުނޫޝާއާ ހަމީޝް ކައިވެނިކުރީ 2008 ވަނަ އަހަރުއެވެ. އެ ދެމަފިރިންނަށް "ސަން" އިން މަރުހަބާ ކިޔަމެވެ.

comment ކޮމެންޓް