ސޮނެވާއިން އެހީވެގެން ކިހާދޫ ކުނި ކޮށި ހުސްކޮށްފި

ކިހާދޫ ކުނި ކޮށި ސާފުކުރުމުގައި ބައިވެރިވި މީހުން---

ބ. ކިހާދޫ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ލުއެއް ހޯދާދިނުމަށް ޓަކައި އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ އެހީގައި ކިހާދޫ ކުނި ކޮށި ހުސްކޮށްފި އެވެ.

"ނަމޫނާ ބ. އަތޮޅު" މަޝްރޫއު ދަށުން ހިންގި އެ ހަރަކާތްރޭވީ ކިހާދޫ މާޅޮސް އަދި ދަރަވަންދޫ ކައުންސިލް އިސްނަގައިގެން ސޮނެވާފުށި ރިސޯޓުގެ އެހީގަ އެވެ.

ސޮނެވާފުށިން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގިނަ މަސްތަކެއް ވަންދެން ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ފުނިޖެހިފައި ހުރި ކުނި ސާފުކޮށް ހުސްކުރުން ކަމަށެވެ.

ކިހާދޫ ކުނި ކޮށިން ނެގި ބައެއް ކުނި---

އެ ހަރަކާތުގެ ދަށުން ރައްޔިތުން ކުނި ކޮށީގައި ހުރި ކުނިތައް ބައިބަޔަށް ވަކިކޮށް އަލުން ބޭނުންކުރެވޭ ތަކެއްޗާ ނެޕީ ފަދަ ގެއްލުންދެނިވި ތަކެތި ވަކި ކުރެވުނެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ރަށުގެ ކުނި ކޮށީގައި އެއްވެފައި ހުރި ކުންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށާއި އެ ކުނިތަކުގެ ސަބަބުން ރަށުގެ ވެށީގެ ސާފުތާހިރު ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

"ނެޕީގެ އުނދަގޫ ބޮޑުވެ ދެތިންފަހަރު ނެފީ ފުނިޖަހާ އަންދައިފިން. ނަމޫނާ ބ. އަތޮޅުގެ މަޝްރޫއު ދަށުން ރަމަޟާން މަސް ފެށެން ވާއިރަށް އެ ކަމަށް ހައްލެއް ހޯދައިދިނުމަށް މާޅޮސް ކިހާދޫ އަދި ސޮނެވާފުށި އަތުގުޅާލައިގެން ކުނިކޮށި ސާފުކުރީ،"

ކިހާދޫ ކުނިކޮށި ސާފުކުރަނީ---

މިދިޔަ ފެބްރުއަރީ މަހު އެކުލަވައިލި "ނަމޫނާ ބ. އަތޮޅު" މަޝްރޫއަކީ ބ. ކިހާދޫ ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެންގުމުގެ މަތިން ސޮނެވާފުއްޓާ ގުޅިގެން އެ ރަށްތަކަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ މަޝްރޫއެކެވެ.

"ސޮނެވާ ނަމޫނާ" ފަންޑުން" އެ ތިން ރަށުގައި ވެސް އީކޯ ސެންޓްރޯ"ގެ މޮޑެލްގެ ދަށުން ސެންޓަރުތަކެއް ގާއިމްކުރެވޭނެ އެވެ.

comment ކޮމެންޓް