ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ ފައިދާއަށް 276 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބޭންކުން މިއަދު އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާ އިރު، ޓެކުހަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ 379 މިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު ހަ ޕަސެންތުގެ އިތުރުވުމެކެވެ. ބޭންކުން ބުނީ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ހަތަރު ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

ކުންފުނީގެ އެސެޓު ދެ ބިލިއަނަށް އަރާ ކަމަށާއި އެކަށީގެންވާ މިންވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ވެސް މާލީ ތަފާސް ހިސާބުތައް ދައްކަ އެވެ. ކުންފުނީގެ ލިކުއިޑިޓޯ ރޭޝިއޯ ހުރީ ގާނޫނު ލާޒިމްކުރާ މިންވަރަށް ވުރެ ވެސް މަތީގައި ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

އެބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ގދ. ގައްދޫގައި ސެލްފް ސާވިސް ބެންކިން ސިސްޓަމެއް ވަނީ މި މުއްދަތުގައި ހުޅުވައިފަ އެވެ. މީގެ އިތުރުން "އަހަރެންގެ ބޭންކު" ކޮމިޔުނިޓީ ފަންޑު ޕްރޮގްރާމު ލޯންޗުކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 60 މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމު ވެސް ވަނީ ފަށައިފަ އެވެ.

މިދިޔަ އަހަރު ބޭންކަށް ލިބުނު ޖުމްލަ ފައިސާގެ ތެރެއިން ބޭންކުގެ ހިއްސާ ދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 129.17 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި ބޭންކުން ހިއްސާ ދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޭން ނިންމި އަހަރު ވެސްމެ އެވެ.

comment ކޮމެންޓް