މުސާރަތަކާއި އިނާޔަތްތައް މައިތިރިނުކޮށް ވާކަށް ނެތް!

ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު އާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން. -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަވެގެން އެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ޓީޗަރުން ޑޮކްޓަރުން، ފަނޑިޔާރުން އަދި ކީއްކުރަން ބޮޑު މުސާރައެއް ލިބޭ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން އާދޭސް ކުރަނީ އެބޭފުޅުންގެ މުސާރަ މާ ބޮޑަށް ކުޑަވެގެންނެވެ. މިހުރިހާ ޝަކުވާއެއް ފުނި ޖެހިފައި ވަނިކޮށް، މެންބަރުކަމުން ވަކިވާ ބޭފުޅުންގެ އިނާޔަތްތައް މިހާރަށް ވުރެވެސް އިތުރު ކުރަން މެންބަރުން ތިއްބެވީ ފޫގަޅާލައްވައިގެން އެވެ. އެ މަސައްކަތުން ރައްޔިތުންގެ ޝަކުވާތަކާއި ޖަޒުބާތުތައް އުތުރި އަރައިގެން ދިޔައީ، މެންބަރުކަމުގެ ދައުރެއް ފުރިހަމަ ކުރާ ބޭފުޅަކަށް 25000 ރުފިޔާގެ އެލަވަންސަށް ލިބޭއިރުވެސް ހިތް ނުފުރިގެން މެންބަރުން ތެޅިފޮޅެއް ފެއްޓެވީމަ އެވެ. އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތި ފަނޑިޔާރުންނަށް ދޭ އެލަވަންސްތައް ވެސް ކުއްލި ކުއްލިއަށް ބޮޑުކޮށްލުން ވެސް ވަނީ އާދައިގެ ކަމަކަށެވެ. އެއްވެސް ބަލައިލުމެއް ނެތި، ލޯ މަރާލައިގެން ތިއްބަވާ ކުރީގެ ނައިބު ރައީސުންނަށް ވެސް 35000 ރުފިޔާގެ އެލަވެންސަށް ދޭން މަޖިލީހުގެ މެންބަރުން އާ އެކޭ ވިދާޅުވި އެވެ.

މިޒާތަށް މުސާރަތަކާއި އިނާޔަތްތައް ބޮޑު ކުރުމުގެ ނުބައި ސަގާފަތެއް އުފެދި ފިނޭންސަށް މުޅި މައްސަލައިގެ ކޮންޓްރޯލް ވަނީ މާކުރިން ގެއްލިފަ އެވެ. މުސާރަތައް ބޮޑު ކުރުމަށް ހިތަށް އެރުވުމުގެ ކުރިން ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ބޮޑު މަސައްކަތެއް އެބަ އޮތެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ މުޅި އޮނިގަނޑު އަލުން ބަލުން މުރާޖައާ ކުރުން އެއީ ފުރަތަމަ ކުރަންވީ މަސައްކަތެވެ. ހަމައެކަނި ވާހަކަތަކެއް ދެއްކުމަށްވުރެ، ދޯހަޅިކޮށް މި އޮތް މުސާރައިގެ އޮނިގަނޑު މުޅިން ބަދަލު ކުރުމުގެ މަސައްކަތް ސުމަކުން ފަށާނީ ކޮން ދުވަހަކުން ހެއްޔެވެ؟

އިންސާފުގެ ކަންފުޅެއް ނެތް މުސާރައިގެ އޮނިގަނޑު!

ތަންކޮޅެއް ފުންކޮށް ވިސްނާލާ އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އޮތީ ބޮޑު ޖޯކަކަށް ވާގޮތަށް އިންތިޒާމް ކުރެވިފަ އެވެ. މައްސަލައިގެ ތެރެއަށް ފީނާ ބަލާއިރު، މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރަން އަންނަ ޝަކުވާތަކާއި ސިޔާސީ ވިސްނުމުގައި އެކި ޒަމާންތަކުގައި މުސާރަތަކަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާއި ބޭބޭފުޅުންނަށް ދޭ އިނާޔަތްތައް ވަނީ ހަމައިން ނެއްޓިފަ އެވެ. މުސާރަތަކުގައި އޮންނަން ޖެހޭ އިންސާފާއި ހަމަ ވަނީ މުޅިން ގެއްލިފަ އެވެ.

މުސާރަތަކުގެ ބޭއިންސާފު:

  • މިނިވަން މުއައްސަސާއެއްގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލަށް ޖުމްލަ އުޖޫރަ މަހަކު 26،700ރ. އެ މަގާމާ އެއްވަރު ސިވިލް ސާވިސް މުވައްޒަފަކަށް 14،400ރ. ދެ މީހުންނަށް ލިބޭ އުޖޫރާގައި 12،300ރ. ގެ ބޮޑު ފަރަގެއް.
  • ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރެއްގެ އުޖޫރައަކީ މަހަކު ގާތްގަނޑަކަށް 17،652.50ރ. އެ މަގާމާ އެއްވަރުގެ ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ ގާތްގަނޑަކަށް 13،000ރ. ފަރަގަކީ 4652ރ.
  • ސިވިލް ސާވިސްގެ މަސައްކަތު މީހަކަށް ގާތްގަނޑަކަށް 4،100ރ. ލިބޭއިރު، ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ މަސައްކަތު މީހަކަށް 5،819ރ. އަށް ވުރެ މަތި. މިއީ ގާތްގަނޑަކަށް 2،000ރ. ގެ ފަރަގެއް.

މިއީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އެއް ފެންވަރުގެ މަގާމެއް އަދާކުރާ މުވައްޒަފުންނަށް މުއައްސަސާއެއްގެ ގޮތުން މާ މުސާރަ ކުޑަވުމަކީ އިންސާފުގެ ހަމައިން ޖަސްޓިފައި ކުރެވޭނެ ކަމެއް ނޫނެވެ.

ސިވިލް ސާވިސްގެ މުސާރަތަކަށް ބަލާއިރު، ސިވިލްސާވިސްގެ ގިނަ މުވައްޒަފުން، 56.1 ޕަސެންޓް މުވައްޒަފުންނަށް ލިބެނީ 5،000ރ. އަށް ވުރެ ކުޑަ މުސާރައެކެވެ. އަދި 43.7 ޕަސެންޓް މުވައްޒަފުންނަށް ލިބެނީ 10،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެކެވެ. ސިވިލްސާވިސް މުވައްޒަފުންގެ ތެރެއިން 15،000ރ. ވެސް ލިބެނީ، 27 ޕަސެންޓް މުވައްޒަފުންނަށެވެ.

މި މުސާރަތަކަށް މާ ބޮޑު ބަދަލެއް ނުގެނެވި އުޅެނިކޮށް ރާއްޖޭގެ އިންފްލޭޝަން ވެސް އެތައް ތަނަކުން މައްޗަށް ގޮސް ދިރިއުޅުމުގެ އަގުތައް ވެސް ހުރީ މިހާރު މާ މަތީގަ އެވެ. އިގްތިސާދީ ދާއިރާގެ ބޭފުޅުން ވެސް ގަބޫލު ކުރައްވާ ގޮތުގައި ބޮޑެތި މުސާރަތަކާއި ބޭބޭފުޅުންނަށް އިތުރު އެލަވަންސް ދިނުމުގެ ކުރިން މިއީ މާ އަވަހަށް ވެސް ހައްލު ހޯދަން ޖެހޭ މައްސަލައެކެވެ.

"މިފަދަ ބޮޑު ފަރަގެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގައި އޮތުމަކީ މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫން. މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަލާއިރު މުވައްޒަފުންގެ މުސާރައަށް ވަރަށް ބޮޑު އަދަދެއް ހޭދަކުރަން އެބަ ޖެހޭ،" ކުރީގެ ފިނޭންސް މިނިސްޓަރު، އަހުމަދު މުނައްވަރު ވިދާޅުވެފައިވެ އެވެ.

ގައުމާ ނުބައްދަލު މުސާރަ އާއި އެލަވަންސް!

މައްސަލައިގެ ފެށުން ގުޅިފައި އޮތީ، ރާއްޖެއަށް އައި ޑިމޮކްރަސީގެ ކުއްލި އޮއިވަރާއެކު ނުކަތާ ވަރުގެ މިނިވަން މުއައްސަސާތަކެއް އުފައްދައި، އެތަންތަނުގެ "ނަޒާހަތްތެރި"ކަމުގެ ނަމުގައި ހިތުހުރި އަދަދަކަށް މުސާރަތައް ބަހާލައި ބައިއެޅުމެވެ. ރާއްޖޭގެ މާލީ ހާލަތަށް ނުކަތާ ވަރުގެ ސިވިލްސާވިސް އަކާއި މުއައްސަސާތަކެއް އުފެދުމަކީ މުސާރަތަކާއި އިނާޔަތްތައް ހަމައިން ނައްޓަން ފެށި ހިސާބެވެ. ދައުލަތަށް ލިބޭ އާމްދަނީއާ އެކަށީގެންވާ މުސާރައިގެ އޮނިގަނޑެއް ނުބާއްވާ ކުރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟

ދައުލަތުން މިހާރު މުސާރަތަކަށް ކުރާ ހަރަދަށް ބަލާއިރު އަހަރެއްގެ މައްޗަށް ސިޔާސީ މަގާމުތަކުގައި ތިބި 553 މީހުންނަށް 169.1 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ސިވިލް ސާވިސްގެ 24،005 މުވައްޒަފުންނަށް އަހަރަކު 2.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭއިރު ޔުނީފޯމް މަގާމުތަކުގައި ތިބި 7108 މީހުންނަށް އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދު ކުރަންޖެހެ އެވެ. އިންތިހާބީ މަގާމުތަކުގައި ތިބި 1419 މީހުންނަށް އަހަރަކު 360.7 މިލިއަން ރުފިޔާ ހޭދަވާ އިރު މިނިވަން މުއައްސަސާތަކުގެ 3832 މުވައްޒަފުންނަށް އަހަރަކު 424.10 މިލިއަން ރުފިޔާ އަހަރަކު ހަރަދުކުރަން ޖެހެ އެވެ.

މީގެ އިތުރަށް ޕެންޝަނަށް ދައުލަތުން 1.57 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭއިރު، އެއީ މުޅި ދައުލަތުގެ ބަޖެޓްގެ 5.2 ޕަސެންޓެވެ. މި އަދަދު އަހަރަކަށް ވުރެ އަހަރެއް އަންނަނީ މަތުވަމުން އެވެ. އަދި ބައެއް ފަރާތްތަކަށް ޑަބަލް ޕެންޝަން ލިބުމުގެ މައްސަލަ ވެސް ބޮޑެވެ. މި ކުޑަކުޑަ ރާއްޖެއަށް މިހުރިހާ ހަރަދެއް ބޮލުއަޅައިގެން ކެތްކޮށްލެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ މިހާ ބޮޑެތި ހަރަދުތަކެއް ދައުލަތުން ކުރާ އިރު، އޭގެ ސަބަބުން ނިކުންނަ ވަކި ރަނގަޅު ނަތީޖާއެއް ނެރެވޭ ހެއްޔެވެ؟

މައްސަލައަކީ ބޮޑު އިސްރާފު!

މުއައްސަސާތަކަށް މަސައްކަތް ނުކުރެވި ދުވެލި ލަސްވުމަކީ ހަމަ އަދިވެސް އޮތް ޝަކުވާ އެވެ. ކޮންމެ އަހަރަކު ބަޖެޓް އެކުލަވާލާ އިރު، ބަޖެޓް ކޮމިޓީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރާނީ ނަތީޖާ ނުދެއްކޭ މައްސަލައިގަ އެވެ. ރާއްޖޭގެ ތަޖުރިބާގައި މުސާރައެއް ވަކި ބޮޑު ކުރުމަކުން މަސައްކަތަކުން ނަތީޖާއެއް އަދި ނުފެންނިދާނެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު 2019 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި މުސާރަ ބޮޑު ކުރުމަށްވުރެ މުވައްޒަފުންގެ އެފިޝަންސީ ރަނގަޅު ކުރުން މާ މުހިންމެވެ. ޓެކްނޮލޮޖީ މަސައްކަތުގެ ތެރެއަށް ވައްދައި ސިވިލްސާވިސްގެ ސައިޒް ކުޑަކޮށްގެން މެރިޓަށް ބަލައިގެން މުސާރަތައް ވެސް ރަނގަޅު ކުރުމަކީ ފިނޭންސް މިނިސްޓްރީންއިން ގެންގުޅުއްވި ވިޝަންއެކެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއް މުވައްޒަފަކަށް ފަސޭހަ އިން ކުރެވެން އޮންނަ ކަމެއް ވެސް އެތައް މަރުހަލާތަކެއްގެ ތެރެއިން ކުރަން ޖެހުމުންކަން ދައުލަތުގެ ފައިސާ އިސްރާފުވެ އެވެ. އެބައި ކުޑަކޮށްގެން ނޫން ގޮތަކަށް މުސާރަތަކަށް ވެސް ކުރިއެރުމެއް ނުގެނެވޭނެ އެވެ. އަދި އިންސާފު ގާއިމެއްވެސް ނުކުރެވޭނެ އެވެ.

"އަޅުގަނޑު ވަރަށް ނަގާ މިސާލެއް މިއީ، އޮސްޓްރޭލިއާގައި އަޅުގަނޑު ޕާސްޕޯޓެއް ހޯދަން ދިޔައީމައި ލައިނުގައި ފަސް މިނިޓު. ސަބަބަކީ ޕާސްޕޯޓު ހޯދަން ދިއުމުގެ ކުރިން އަޅުގަނޑު ހުންނަނީ ހުރިހާ ޑޮކިއުމެންޓުތަކެއް އެ ތަނަށް ފޮނުވާފައި. އަޅުގަނޑު އެ ތަނުގައި ފަސް މިނިޓް ލައިނުގައި ހުންނަން ޖެހެނީ ބަރާބަރު އަޅުގަނޑު އަތަށް ލިބެން ނަގާ ވަގުތު،" މުނައްވަރު ވިދާޅުވެފައިވެ އެވެ.

މުސާރަތައް ހަމަޔަކަށް އެޅުވުމުގެ ވާހަކަ ދައްކައި ދައްކާ ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަށް ޕޭ ކޮިޝަނެއް ވެސް އެކުލަވާލާފައި އެބަ އޮތެވެ. ކޮމިޝަން އެކުލަވާލި ފަހުން ވެސް ދުވަސްގަނޑެއް ވެއްޖެ އެވެ. އެކަމަކު އެތަން އަދިވެސް ފެންނަނީ ހަމައެކަނި ރިޕޯޓް އެކުލަވާލައި ތަނެއްގެ ގޮތުގަ އެވެ. އެތަނުން ކުރި މަސައްކަތްތަކުން ނިކުތް ހެޔޮ ނަތީޖާއެއް ނެތެވެ. އެވާހަކަ ބުނެދޭނެ މީހަކު ވެސް ނެތެވެ. ރިވިއުކޮށް މިހާތަނަށް އެޅުނު ފިޔަވަޅެއް އަދި މަޖިލީހަށް ލަފައެއް ދިން ވާހަކައެއް އަޑެއް ނީވެ އެވެ.

މައްސަލަ ސީރިޔަސް، ވަޒީފާ އަދާކުރަން ފޫހިވެދާނެ!

ލިބޭ އުޖޫރައާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަމުގައި އިންސާފައި ހަމަ ނެތްކަން އެނގޭ ނަމަ ވަޒީފާ އަދާކުރުމުގެ 100 ޕަސެންޓް ހިތްހަމަޖެހުމެއް ނޯންނާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ ވަޒީފާތަކަށް ނިކުންނަން ތިބި ޒުވާނުންނަށް މާޔޫސްކަމާ ކުރިމަތިވުމެވެ. ދެން ނުކުންނަ އިގްތިސާދީ ބޮޑު މައްސަލައަކީ ޒުވާނުން ވަޒީފާތަކާ ދުރަށް ދިޔުމެވެ. އެއްވެސް މެރިޓަކަށް ބެލުމެއް ނެތި އެކަށައަޅާފައި އޮންނަ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޕިޔޯނަށް ލިބޭ މުސާރަ، ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ލިބިފައި އެބަ ހުއްޓެވެ. މިއީ ތައުލީމީ ޒުވާނުން ވަޒީފާތަކާ ދުރަށް ދުވާނެ މައްސަލައެކެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް މިއީ ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު ޗެލެންޖެކެވެ. މުސާރަތައް ކަނޑައެޅުމުގައި ތައުލީމީ ފެންވަރާއި ނަގަން ޖެހޭ ޒިންމާ އަށް ވެސް ގިނަ ފަހަރަކަށް ނުބެލެ އެވެ.


"އުޖޫރާގައި ތަފާތެއް ހުރިއްޔާ މަސައްކަތް ކުރުމުގެ ޖޯޝް ދަށްވާނެ. އެ ތަފާތު ހުރިއްޔާ ގަޔާވެގެން އެ މަސައްކަތް ކުރަން ޖެހޭ ގޮތަކަށް ނުކުރެވޭ. މީގެ ސަބަބުން އެކަށޭނަ ސިވިލްސާވިސްއެއް އެކުލަވާލަން އެބަ އުނދަގޫވޭ. މީގައި ހަރުދަނާ ސިޔާސަތުތަކެއް ވަރަށް މުހިންމު. މުސާރަތައް ބޮޑު ކުރުމަށް ވުރެން ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ކަންކަން ހަމަޔަކަށް އެޅުވުން މުހިންމު،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ. "މި ބަލި މިއީ ވަރަށް ކުރީ ޒަމާނުއްސުރެ އުފެދިގެން އައި ކަމެއް. އެކަން ފެށުނީ ސަރުކާރުގެ ކުންފުނިތަކުގެ ސަބަބުން. އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެހެން ކުންފުނިތައް ބޮޑުކުރަން ފެށީ. މިކަން ވަބާއަކަށް ވެގެންދިޔައީ،"

ސިވިލް ސާވެންޓުންނާއި މިނިވަން މުއައްސާތަކުގެ މުސާރައިގެ ފަރަގަކީ އިގްތިސާދުގެ ހަމަހަމަކަން ގެއްލުމަށް ކުރިމަތިވާ ސަބަބެއް ކަމަށް ބައެއް އިގްތިސާދީ ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެއީ އިގްތިސާދެއްގައި އުޅޭ ފަގީރުންނާއި މުއްސަނދިންނާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ކުރިމަތިވާ ބޮޑު ހުރެހެކެވެ. ދައުލަތުގެ ވަޒީފާތަކުން ކެނޑިގެން ދާ މީހުންގެ ނިސްބަތް ވެސް ގިނަ އިރު، މިއީ މުސާރައިގެ މިންގަނޑުގެ މައްސަލައަކަށް ވެސް ވެދާނެ އެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ބޭބޭފުޅުންގެ އެލަވަންސްތައް މި ވަނީ އޯވަހޯލް ކުރަން ޖެހިފަ އެވެ. މިކަނުން ނުކުންނަ މައްސަލަތައް ފުނިޖެހިފައި އޮތް އިރު އެ މައްސަލަތަކުގެ ފުނަށް ފީނައި ހައްލު ހޯދަން މިހާރުވެސް މާ ލަސްވެއްޖެ އެވެ.

comment ކޮމެންޓް