ރޯދަ އަށް ގެންނަ ހާފިޒުންނަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

މީގެ ކުރިން ރޯދަ މަހެއްގައި ތަރާވީސް ނަމާދު ކުރުމަށް ރާއްޖެ އައިސްފައިވާ ހާފިޒުންގެ ގްރޫޕް: މިއަހަރު ހާފިޒުންނަށް ދެނީ ހާއްސަ ވިސާ އެއް --- ފައިލް ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރަން ރާއްޖެއިން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގާ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

ވޭތުވެ ދިޔަ ރޯދަ މަހު ބޭރުން ގެނައި ހާފިޒުން ވިސާ ނަގަން ޖެހުނު ނަމަވެސް ވަކިން ހާއްސަ ވިސާއެއް ނަގާކަށް ނުޖެހެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު "ސަން" އަށް ވިދާޅުވީ ބޭރުގެ ހާފިޒުންނަށް ވިސާ ދޫކުުރުމަށް އޮންނަ އުސޫލަށް ބަދަލު ގެނައީ މިދިޔަ ހަފްތާ ތެރޭ ކަމަށާއި މިފަހަރު ބޭރުން ގެންނަ ހާފިޒުންނަށް ދޫކުރަނީ ވަކި މުއްދަތަކަށް ދޫކުރާ ހާއްސަ ވިސާއެއްގެ ދަށުން ކަަމަށެވެ. އެގޮތުން އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާނެ ކަމަށް ހަނަފީ ވިދާޅުވި އެވެ.

"މިފަހަރު މި ދޫކުރަނީ ހާއްސަ ވިސާއެއް، 45 ދުވަހުގެ މުއްދަތަކަށް. ފަސް ދުވަސް ކުރިން ވިސާ އަށް އެދެން ޖެހޭނެ. ވިސާއަށް އެދޭއިރު، އިސްލާމިކް މިނިސްޓްރީގެ ހުއްދަ ވެސް ބޭނުން ވާނެ،" ހަނަފީ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، މިފަހަރު ހާފިޒުންނަށް ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުމަށް ނިންމީ، ބޭރުގެ ހަރުކަށި ޖަމާއަތްތަކުގެ މީހުން ރާއްޖެ އެތެރެވެ، އެފަދަ ހަރުކަށި ފިކުރުތައް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮންނާނެތީ އެވެ.

އިމިގްރޭޝަން އިން އަބަދު ވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް ހާފިޒުންނަށް ވިސާ ދޫކުރުމުގައި އުސޫލަށް ބަދަލު ގެނައީ ހަމައެކަނި އެންމެ ކަމަކަށް ވިސްނާފައި ނޫން ކަމަށް ހަނަފީ ވިދާޅުވި އެވެ.

"އުސޫލަށް ބަދަލު ގެނައީ، އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ލިބޭނެތީ. ހުރިހާ ސްޓޭކް ހޯލްޑަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު، ނިންމި ނިންމުމެއް. އެގޮތުން މިފަހަރު އަޅުގަނޑުމެން ބާރުއަޅަނީ، [ނިންމެވީ] އިސްލާމިކް މިނިސްޓްރީން ހުއްދަ ލިބިގެން، ހުރިހާ ލިޔުންތައް ހަމަވެގެން، އެހާވަރަށް މޮނީޓާކޮށްގެން މިކަންތައް ހިގަންވާނެ ކަމަށް،" ހަނަފީ ވިދާޅުވި އެވެ.

ހާފިޒުން ގެންނަނީ، ސަރުކާރުގެ އިދާރާއަކުން ނޫން ނަމަ، ވިސާގެ ފީއަކީ 750 ރުފިޔާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު އިއުލާނުގައި ވަނީ ބުނެފަ އެވެ.

ކޮންމެ ރޯދަ މަހަކު ވެސް ރާއްޖޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ބޭރުގެ ހާފިޒުން ގެންނަމުން ދެ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ރާއްޖެ އިން ބޭރުން 92 ހާފިޒަކު ރާއްޖެ އަ އެވެ.

comment ކޮމެންޓް