އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ކުރީގެ ފިރިމީހާ ގެއްލުން ދީފި

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ: އޭނާގެ ކާރަށް ވަނީ ގެއްލުން ދީފައި.

މާލޭގައި ޓެކްސީ ކުރުމުގައި އުޅޭ ހަމަ އެކަނި އަންހެން ޑްރައިވަރުގެ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، މާލޭގައި ޓެކްސީ ކުރަމުން އަންނަ އައިމިނަތު ވަހީދާ، އައިންތުގެ ކާރު ރޭ މަގުމަތިން ހުއްޓުވައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަން ކުރީ، އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ތުހުމަތުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ޑޮމެސްޓިކް ވަޔަލަންސް މައްސަލައެއްގެ ގޮތުގައި މިހާރު ވަނީ ބަލަން ފަށައިފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ރޭ 10:10 އެހާކަންހާއިރު އައިންތު އޭނާގެ ޓެކްސީގައިރިންގް ރޯޑްގެ ޓްރެކް ސަރަހައްދުން ދުއްވާފައި ދަނިކޮށް އޭނާގެ ކާރު މީހަކު ހުއްޓުވި ކަމަށެވެ. އަދި އެއަށް ފަހު އޭނާ ވަނީ އައިންތުއާ ދިމާކުރުމުގެ އިތުރަށް ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވައި އިންޖީނަށް ވެސް ގެއްލުން ދީފައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި އެ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. އެ ގެއްލުންތަކުގެ ސަބަބުން ކާރުގެ ބޮނެޓްގެ މަތިގަނޑު ނުވެސް ލެއްޕެ އެވެ. އަދި އޮތީ ވަރަށް ވެސް ބޮޑަށް ބަޑިވެފަ އެވެ.

އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާއަކީ އަދިވެސް ޓެކްސީ ސެންޓަރެއްގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން ޑްރައިވަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު