ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާރާމާރީ ހިނގި ސަރަހައްދު --- ސަންފޮޓޯ/

ދުނބުރި މިސްކިތާވީ ދިމާލު ހަތަރު އަނގޮޅި ކަންމަތީގައި ހިނގި މާރާމާރީއެއްގައި ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިރޭ 10:27 އެހާކަށް ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ހަމަލާގައި ބިދޭސީ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މާރާމާރީއެއްގައި ތޫނު އެއްޗަކުން ޒަހަމްވި 25 އަހަރުގެ ބިދޭސީއަކަށާއި ހަމަލާދިން ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ.

އެމީހުން ހޮސްޕިޓަލަށް ގެންދެވުނީ މިރޭ 11:30 އެހާކަންހާއިރު ކަމަށާއި ޒަހަމްވި މީހާއަށް ފަރުވާ ދެނީ އައިޖީއެމްއެޗުގެ އީއާރުގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގީ، ދުނބުރި މިސްކިތް ހަތަރު އަންގޮޅި ކަންމަތި، ޝަވަރުވާދީ މަގުގައި، ހުންނަ ބިދޭސީނަށް ކާންދޭ ގެސްޓް ހައުސް އެއްގައި ކަމަށެވެ.

އޭނާ ބުނީ، ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާ ގެސްޓްގައުސް އިން ނިކުމެ ދުއްވައިގަތުމުން ސަލްސާ ރޯޔަލް ކައިރިން ވެއްޓުނު ކަމަށެވެ. އަދި ފުލުހުން އެނާ ނެގީ ސަލްސާ ރޯޔަލް އިން ކަމަށް މަންޒަރު ދުއް މީހާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި، އެ ބިދޭސީ މީހަގެ ހަށިގނަޑުގެ އެކި ތަން ތަނަށް ވަޅިން ހަމަލާދީފައިވެ އެވެ. އެގޮތުން އޭނާގެ ކަރުގެ މަތީ ބަޔަކަށާއި މޭމަތި އަދި ބުރަކަށިން ޒަހަމް ވެފައި ނިޝަންތަކެއް ފެންނަށް ހުރި ކަމަށް އޭނާ ބުންޏެވެ.

މަންޒަރު ދުށް މީހާ ބުނީ، އެ މާރާމާރީ ހިންގި އެއް ބިދޭސީ މީހަކު ހަމަލާ ދިނުމަށް ފަހު ފިލަން ކައިރި ހުރި ގެއެއްގެ ތިން ވަނަ ބުރިއަށް އަރާ ފުލުހުން ހައްޔަރުކުރަން އުޅުމުން ތިންވަނަ ބުރިން ފުއްމާލާފައިވާ ކަމަށެވެ. ފުއްމާލި ވަގުތު މަގުމަތީގައި ތިބި ފުލުހުން އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ، ބަންގްލަދޭޝް ފިރިހެންނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހަމަލާ ދިނުމަށް ފަހު، ދުއްވެފައި ދާތަން ފުލުހުނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭމްޑީސީ ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

މިރޭ މާލޭގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު، ދ. އެއްލައިދޫ ރިސޯޓްގައި ބިދޭސީންގެ މެދުގައި ހިންގި މާރާމާރީއެއްގައި މީހެއްގެ މެޔަށް ވަޅިން ހަމަލާދީ ބިދޭސީއަކު ވަނީ މަރާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް