ހަރަދުތައް ކޮށްފައި ސަރުކާރުން 800 މިލިއަން ރުފިޔާ ބާކީކޮށްފި

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފަހު، 898.3 މިލިއަން ރުފިޔާ ސަރުކާރުން ބާކީކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީ އިން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމު ކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމަޔަށް ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި 7.08 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން ދައުލަތުން ހަރަދު ކުރީ، 6.18 ބިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާ އިރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ތެރެއިން 30 ޕަސެންޓް އާމްދަނީ މިހާތަނަށް ލިބިފައިވާ އިރު، އެއީ 898.3 މިލިއަން ރުފިޔާ އަރަނި ވުމެެކެވެ.

އާންމުކޮށް، ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ މާގިނައިން ސަރުކާރުން ހަރަދުކުރަމުން އައިސްފައިވެ އެވެ.

އާމްދަނީގެ ލިބިފައިވާ ގޮތުގެ ތަފްސީލަށް ބަލާ އިރު، ބޮޑު ބަޔަކީ ޓެކްސް މެދުވެރިކޮށް ލިބޭ އާމްދަނީ އެވެ. އެގޮތުން 5.23 ބިލިއަން ރުފިޔާ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 391.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު ލޯންތައް ދެއްކުމަށް 26.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އުމްރާނީ އެކި މަޝްރޫއުތައް ހިންގާ ޕީއެސްއައިޕީގެ ގޮތުގައި 632.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އިންވެސްޓްމަންޓް ގޮތުގައި 446.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަށް ވަނީ، 390.3 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. އެ ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އެވެ. އެ ފަންޑްގައި ހުރި ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ދައުލަތުގެ އިދާރާ ތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ، ފިނޭންސް މިނިސްޓްރީގެ ދަށުން އޮންނަ ހާއްސަ ބަޖެޓުން އެވެ. އެގޮތުން، 2.06 ބިލިއަން ރުފިޔާ އެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރި އެޑިއުކޭޝަން މިނިސްޓްރީއިން 734 މިލިއަން ރުފިޔާ ހޭދަކުރިއިރު، އެންސްޕާއިން ވަނީ 315.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ވިއްކާފައިވާ ބޮންޑްގެ ތެރެއިން، 583.9 މިލިއަން ރުފިޔާގެ ބޮންޑް މިދިޔަ ހަފްތާގެ ތެރޭގައި މެޗުއާވެ ވަނީ ފައިސާ ދައްކަން ޖެހިފަ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ، 30.25 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި 23.34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

comment ކޮމެންޓް