އެމްއެމްޕީއާރުސީ އަށް ފައިސާ ވަން ގޮތާއި ނިކުތްގޮތް ސާފެއްނޫން: އޮޑިޓް ރިޕޯޓު

އެމްއެމްޕީއާރުސީ ވެލާނާގޭގައި ހިންގި އިރު އެ ކުންފުނީގެ އޮފީސް -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 2015 ވަނަ އަހަރުގެ އޮޑިޓަށް ބޭނުންވާ ފުރިހަމަ މައުލޫމާތު އެކުންފުނީގެ މާލީ ތަފާސްހިސާބުތަކުން ދެނެ ގަނެވިފައިނުވާތީ، ކުންފުންޏަށް ފައިސާ ވަދެފައިވާގޮތާއި އެ ފައިސާ އަށްވީ ގޮތް ސާފު ނުވާކަމަށް އޮޓިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން ވަނީ އެމްއެމްޕީއާރުސީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިއަދު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނީ އޮޑިޓް އޮފީހުގެ ލަފާ ދެވޭ މިންވަރަށް އެކުންފުނީގެ މާލީ ތަފާސް ހިސާބުން މައުލޫމާތު ދެނެގަނެވިފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އެމްއެމްޕީއާރުސީގެ ފައިނޭންޝަލް ސްޓޭޓްމެންޓުގައި ކުންފުނީގެ ހަރު މުދަލުގެ އަގަކީ 7,113,853 ރުފިޔާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއީ ސައްހަ އަގެއް ކަމަށް ޔަގީން ކުރެވިފައެއް ނުވެ އެވެ. އެމްއެމްޕީއާރުސީ އިން ކުންފުނީގެ ހަރު މުދަލުގެ ރިކޯޑު ބަލަހައްޓަމުން ގޮސްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ކުންފުނީގެ ހަރު މުދަލުގެ ސައްހަ އަދަދު އަދި އަގު ކަށަވަރު ކުރުމަށް ފިޒިކަލް ވެރިފިކޭޝަންއެއް ކުރިއަށް ގެންގޮސްފައި ނުވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓްް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި އެކުންފުނީގެ ވެބްސައިޓު ބޭނުންކޮށްފައިވާ ކަމަށާއި ނަމަވެސް ވެބްސައިޓުގައި އިޝްތިހާރުކޮށްގެން ލިބުނު އަމްދަނިގެ ރިކޯޑުތައް ވެސް ބަލަހައްޓާފައި ނުވާކަމަށެވެ.

ޓްރޭޑް ރިސީވެބަލްސް ނުވަތަ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލު ކަށަވަރު ކުރުމަށް ބޭނުންވާ، އެހެން ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ހޯދިފައި ނުވާތީ، އެމްއެމްޕީއާރުސީގެ މާލީ ތަފާސްހިސާބާއި، އެކުންފުނިން ވިޔަފާރި މުއާމަލާތްތައް ކޮށްފައިވާ ކުންފުނިތަކުގެ މާލީ ހިސާބުތައް އަޅާ ކިޔިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފަޅުރަށްތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ އަދި ލިބެން ޖެހޭ ފައިސާގެ ތަފްސީލު ވެސް ސާފުވާން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ފަޅުތައް ވިއްކައިގެން 1,030,981,200 ރުފިޔާ ލިބެންޖެހެ އެވެ.

އޭގެ ތެރެއިން 2015 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 1,354,801,755 ނުލިބޭ ކަމަށް ބުނެފައިވާ އިރު، އެ އަދަދުތައް ކަށަވަރު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް އޮޑިޓަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމެންޓު އޮޑިޓު އޮފީހުގެ މަސައްކަތަށް ފޯރުކޮށްދީފައި ނުވާތީ، 2015 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްޕީއާރުސީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަންވެސް ޔަގީން ނުވާކަމަށް އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓުގައި ބުންޏެވެ.

އެމްއެމްޕީއާރުސީގެ ކަސްޓަމަރުންގެ އަތުން ނަގާފައިވާ އެޑްވާންސް ޕޭމެންޓުތަކާއި، ކުންފުންނާސް ލިބުނު އާމްދަނީ އަދި ހަރަދުތައް ކޮށްފައި ހުރިގޮތް ވެސް ޔަގީން ކުރެވިފައި ނުވާ ކަމަށާއި އެ ކަންތައް ޔަގީން ކުރުމަށް ބޭނުންވާ ހެކިވެސް ނުލިބޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް އޮފީހުން ދޭންޖެހޭ ލަފާ ދިނުމަށް ބޭނުންވާ ހެކި ނެތުމުގެ ސަބަބުން ކުންފުނީގެ މާލީ ހަލަތާ ގުޅޭ ގޮތުން ސީދާ ލަފާއެއް ދޭން ދަތި ކަމަށާއި ލަފާ ދިނުމަށް ބޭނުންވާ މައުލޫމާތު ވެސް ލިބިފައިނުވާ ކަން އޮޑިޓު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގައި ދިޔަ ހިޔާނާތުގެ އެންބޮޑު އެއް މައްސަލައިގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލަ ހިމެނެ އެވެ. އެ ހިޔާނާތުގެ މައްސަލަ އޭސީސީ އިން ތަހުގީގުކުރަން ފެށީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު 1.4 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައި ނުވާ އިރު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މި ފަހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް