ޕަބްލިކް އެގްޒާމިނޭޝަން ހިންގުން އިސްކަންދަރު ސްކޫލް ޕްރިންސިޕަލަށް

މިއަހަރުގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނު (އެސްއެސްސީ)ގެ ދިވެހި ޕޭޕަރުގައި މައްސަލަދިމާވެ އަލުން އެ ޓެސްޓް ނަގަން އެޑިއުކޭޝަންއިން އިން ނިންމާފައިވަނިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމިނޭޝަން (ޑީޕީއީ) ހިންގުން އެހެން ބޭފުޅަކާ މިއަދު ހަވާލުކޮށްފި އެވެ.

ޑީޕީއީ މިހާރު ހިންގަވާ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަކީބު ވަނީ ޗުއްޓީ ނަންގަވައިގެން ހައްޖަށް ފުރާވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިރޭ ވިދާޅުވީ އެ ޑިޕާޓްމެންޓް ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެން ސައީދާ މިއަދު ހަވާލުކޮށްފައިވާކަމަށެވެ. ނަޒީރު ވިދާޅުވީ ޑިޕީއީ ހިންގުން ސައީދާ ވަގުތީ ގޮތުން ހަވާލުކުރީ އިމްތިހާނުގެ ދުވަސްވަރުކަމައްވާތީ ކޮންމެ ދުވަހަކު ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭތީ އެކަންތައްތައް ރަނގަޅަށް ބެލަންޖެހޭތީ ކަމަށެވެ.
" ޝަކީބު ޗުއްޓީގައި ހުންނެވީމައި، މި ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންވެ ވަރަށް ރަނގަޅަށް އެކަންތައްތައް ބަލައި ހަދަން ޖެހޭ. އެގޮތަށް ބަލާފައި އެގޮތަށް ނިންމީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ޑީޕީއީއަށް ބަދަލު ގެނައިރު ދިވެހި ޓެސްޓް އަލުން ނަގަން އެޑިއުކޭޝަނުން ނިންމީ ދިވެހި ޓެސްޓުގެ ނަމޫނާ ޕޭޕަރާއި އަސްލު ޓެސްޓް ޕޭޕަރު މާބޮޑަށް އެއްގޮތް ކަމަށް ބުނެ އެވެ.

ސައީދުއާ ޑީޕީއީ ހަވާލުކުރީ އެ މައްސަލައާ ގުޅިގެންތޯ ދެންނެވުމުން ޑރ. ނަޒީރު އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ އެކަމާ "ސީދާ" ގުޅުވެން ނެތް ކަމަށާއި ޝަކީބަށް އަލުން ހިންގުން ހަވާލުކުރުމާ މެދު ގޮތެއް ނިންމާނީ ޕާމެނެންޓް ސެކްރެޓަރީ ކަމަށެވެ.
"އެގިވަޑައިގަންނަވާނެ އެފަދަ މަގާމުތަކަށް ބަދަލުގެންނާނީ ކޮންމެ މިނިސްޓްރީއެއްގައިވެސް ހުންނަވާ ޕާމެނެންޓް ސެކްރެޓަރީ. ޝަކީބު ޗުއްޓީން އެނބުރި ވަޑައިގަންނަވާނީ އޮފީހަށް. ދެން ޕާމެނެންޓް ސެކްރެޓަރީ ނިންމަވާނީ އެކަން ހަވާލުކުރާނީތޯ ވެސް ނޫނީ ނޫންތޯ ވެސް،" ޑރ. ނަޒީރު ވިދާޅުވި އެވެ.

އަލުން ދިވެހި ޓެސްޓްނެގުމަށް ނިންމި ނަމަވެސް މާލޭގެ ހަ ސެކަންޑްރީ ސްކޫލުގެ ބޯޑުގެ އިއްތިފާގުން ރޭ ނިންމާފައި ވަނީ އަލުން ޓެސްޓު ނުނެގުމަށް އެޑިޔުކޭޝަނަށް ހުށަހެޅުމަށެވެ. އެ ގަރާރު މިއަދު ވަނީ އެޑިޔުކޭޝަނައްވެސް ހުށަހަޅާފަ އެވެ. ޑރ. ނަޒީރު ވިދާޅުވީ އެ ގަރާރާއެކުވެސް އަދި މިހާތަނަށް އެޑިޔުކޭޝަންގެ ނިންމުމަށް ބަދަލެއް ނުގެންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު