ކުޅުދުއްފުށީ ކުޅިން "ތަރައްގީ"ގެ ހިތި ނަތީޖާ!

ކުޅުދުއްފުށި ކުޅި ހިއްކައިގެން އެއާޕޯޓުގެ ރަންވޭ އަޅާފައި -- ފޮޓޯ/ އިރުޝާދު އަބްދުއްރަހްމާން

ދުވާލުގެ ހޫނު އަވީގައި، ވާތާވެފައި ހުރެ އަޅާލި ފިޔަވަޅާއެކު ފައި ގަނބައިގަނެގެން ދިޔައީ މަޑު ފުއްގަނޑެއް ފަދަ ޗަކަ ފަސްގަނޑުގެ ތެރެއަށެވެ. ފަޔަށްވީ ފިނި އިހުސާސުން ލިބުނު ހިތްހަމަޖެހުމާއެކު، ވަށައިގެން ބަލައިލެވުނެވެ.

އެކަމަކު ފެނުނީ ދިރުމެއް ނެތް ބިމެކެވެ. މީގެ ކުރިން ފޮޓޯތަކުން ފެންނަމުން އައި ގުދުރަތީ ރީތިކަން މިއަދު އެތަނުން ގެއްލިއްޖެ އެވެ. ހދ. ކުޅުދުއްފުށީގެ ކުޅި މިއަދު މި އޮތީ ރީތިކަން ގެއްލި ވީރާނާވެފަ އެވެ. އެ ކުޅިއަކީ އެއް އިރެއްގައި އުދަ އާއި ހަޅައިގެ ރާޅުތަކުން ދިފާއުވުމަށް ކުޅުދުއްފުށީގެ އައްޑަނަ އެވެ. ރަށްގިރުމާއި ފެންބޮޑުވުން ފަދަ ކަންކަމުން ކުޅުދުއްފުށި ރައްކާތެރިކޮށްދޭ، އެރަށުގެ ދިފާ އަކީވެސް މި ކުޅި އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އެޅުމަށް ކުޅީގެ އެއްބައި ހިއްކުމުގެ ސަބަބުން އެ ސަރަހައްދުގެ ދިރުން ވަނީ މިހާރު އެކީހެން ގެއްލިފަ އެވެ.

އެކަމަކު އެ ހާލަތުން އަރައިގަނެ ކުޅިއަށް އަލުން ދިރުން ގެނެވޭނެ ގޮތެއް ބެލުމަށް އެންވާރަމަންޓް މިނިސްޓްރީ އާއި ސޭވް މޯލްޑިވްސް ހަރަކާތް ގުޅިގެން ބޭރުގެ ހަތަރު މާހިރުން ރާއްޖެ ގެނައި އިރު، އެ ޓީމުން މިދިޔަ ބުރާސްފަތު ދުވަހު އެ ރަށަށް ޒިޔާރަތްކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅި އާއި ފަލާއި އެތަންތަނުގެ ދިރުންތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ބައިނަލްއަގުވަމީ ޖަމިއްޔާ، މެންގްރޯވް އެކްޝަން ޕްރޮޖެކްޓުގެ ދެ ބޭފުޅަކާއި ބޭރުގެ ދެ ޔުނިވާސިޓީއެއްގެ ދެ ޕްރޮފެސަރުންނެވެ.

ކުޅުދުއްފުށީ މަށި ކުޅީގެ ތެރެއަށް ފައިބައިގެން ކުޅީގެ ތެރޭގައި ހިނގަނީ -- ފޮޓޯ/ ސޭވް މޯލްޑިވްސް

އެ ޓީމާ އެކު އަހަރެން ވެސް، ގަދަ ހޫނުގައި ކުޅިއަށް ފައިބައިގެން އެ ޓީމުގެ ބައެއް މީހުންނާއެކު ހިނގައިގަތީ ކުޅީގެ އިރު އުތުރުން ހުޅަނގު ދެކުނާ ދިމާލަށެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ގުދުރަތީ މާހައުލަށް ދީފައިވާ އަނިޔާ އެވެ. އެ މާހައުލުން ފެންނަ ވީރާނާ ކަމަކީ، އެއް އިރެއްގައި އެރަށުގެ ދިރުމާއި ރައްވެހިކަމުގެ ރަމްޒެއްގެ ގޮތުގައި އޮތް މި ގުދުރަތީ މުއްސަދިކަން، އުމްރާނީ ތަރައްގީއަށްޓަކައި ގުރުބާންކޮށްލުމުގެ ހިތި ނަތީޖާ އެވެ.

ކުޅުދުއްފުށީ މަށި ކުޅިއަށް އަޅާފައި ހުރި މަށި ހަރުވެ ހިކިފައި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"ކުޅިއަކީ ރަށުގެ އިޖުތިމާއީ ފޭރާމާވެސް ގުޅިފައި ހުރި އެއްޗެއް. މި ރަށުގައި ރައްޔިތުންނާއި މަސްތަކާއި ދޫނިތަކަށްވެސް ކުޅީގެ ސަބަބުން ފައިދާވަމުން ދިޔަ. މިހާރު މި ރަށުގައި ގުދުރަތީ އެއްޗަކަށް ބާކީ އޮތީ ކޯއްޗެއްތޯ؟ ކުޅީގައި ބާކީ އޮތް ބައި ވީހާވެސް އަވަހަށް ހިމާޔަތްކުރެވޭތޯ ބަލަންޖެހޭ،" ކުޅުދުއްފުއްޓަށް ދިޔަ މާހިރުންގެ ޓީމުގައި ހިމެނޭ މެންގްރޫވް އެކްޝަން ޕްރޮޖެކްޓުގެ އެގްޒެކެޓިވް ޑިރެކްޓާ އެލްފްރެޑޯ ކުއާޓޯ ވިދާޅުވި އެވެ.

އޭރު އެރަށަށް ބޯކޮށް ވާރޭ ނުވެހޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ކުޅި މެދުން ހިއްކައި ރަންވޭ އެޅުމުން ފެން ދައުރުވާނެ ގޮތް ބަންދުވެ، މަށި ކުޅީގެ ފެންގަނޑު އޮތީ ހިނދިފަ އެވެ. ދިޔަވަރު ބޮޑުވާ ވަގުތު އަދި އުތުރަހަޅައިގައި ރަށުގެ އުތުރު ފަރާތު މޫދުން ކުޅިއަށް ފެން ވަދެ، ދައުރުވި ނަމަވެސް ކުޅީގެ މެދުން ރަންވޭ އެޅުމާއެކު ފެން ވަންނަން އޮތް މަގު ބެދި ފެން ދައުރުވާނެ ގޮތެއް މިހާރަކު ނެތެވެ. ނަތީޖާ އަކީ ދިރުންތައް އެކީ ނެތުމާ ގާތަށް ދިޔުމެވެ. ރަންވޭ ހެދި އިރު، ކުޅީގެ އެހެން ދިމަދިމާލުން މައްޓާއި ޗަކަ ނަގައި، މަށި ކުޅިއަށް އެޅުމުން މި ހާލަތު އިތުރަށް ގޯސްވީ އެވެ.

ކުޅުދުއްފުށީ މަށި ކުޅީގެ ވަށައިގެންވާ ގަސްތައް: އެ ގަސްތައް ކައިރިއަށް ވަނީ ވެލި އަޅައި ހިއްކާފައި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ރަންވޭ ވަކިކުރާ ފެންސުގެ ބޭރު ފަރާތަށް ދޮންވެލި އާޅާފައި ހުއްޓެވެ. އެ ވެލީގެ ސަބަބުން ކުޅި ވަށައިގެން ހުރި ގަސްތަކުގެ މޫތަކަށް ފެން ލިބޭނެ މަގު ބަންދުވެފައިވާ އިރު، ގަސްތައް މަރުވަމުންދާ ކަމުގެ ނިޝާންތައް ފެނެ އެވެ. އެކަމަކު ހިމާޔަތް ކުރެވިފައިވާ ބައެއް ބާވަތުގެ ގަސްތައްވެސް އެތަނުގައި އެބަ ހުއްޓެވެ.

އޭގެ 50 ހެއްހާ ފޫޓު ދުރުގައި، މަޑު ރަތް ކުލައެއްގައި އޮތީ މަށި ކުޅި ފެށޭ ހިސާބެވެ. ހޫނުގެ ސަބަބުން މަށިތައް ހުރީ ހަރުވެ ހިކިފަ އެވެ. ބަލާބެލުމަށް އޭގެ މަތިން ހިނގާފައި ދެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެތަނުންވެސް އަޑިއަށް ފައި ގަނބައިގަންނާނެ އެވެ. ފެނުގެ ނިޝާނެއް ފެންނަން ހުރީ އަދި މާ ދުރުންނެވެ.

މުޅި ސަރަހައްދުން ދުވަނީ އެއްޗެއް ކުނިވުމުން ދުވާޒާތުގެ ވަހެވެ. -- އެއީ ހިކިފައި ހުރި ސަރަހައްދުން ހައިޑްރޮޖެން ސަލްފައިޑް ބޭރުވާތީ އެވެ. ރަށުގެ ޒުވާނަކު ބުނި ގޮތުގައި ކުޅީގައި ފެން ހެދިފައި ހުންނަ އިރު އެ ވަހެއް ނުދުވަ އެވެ.

ކުޅުދުއްފުށީ މަށި ކުޅީގެ ފެން ފަށަލަ --- ފޮޓޯ/ ބިލީފް

ކުޅީގެ ފެންގަނޑުގެ އެންމެ ފުން ހިސާބުތަކުގައިވެސް މިހާރު ހުރީ ދެ އިންޗި ވަރުގެ ފެން ފަށަލައެކެވެ. ޗަކަގަނޑު މަތީގައިވާ އެ ފަށަލަ އެހާމެ ހޫނެވެ. ކުޅީގައި ދިރިއުޅޭ ބޭނގު (މިލްކް ފިޝް)އަށް ކެތްވާނީ ކިހިނެއްތޯ ހިތާހިތާ ސުވާލުކޮށްލެވުނެވެ.

އެ ސުވާލުގެ ޖަވާބު އިސާހިތަކު ލިބިއްޖެ އެވެ؛ މަސް މަހާ މެއްސަށް އެތަނުގައި ކެތް ކޮށްލުމަކީ މިހާރު ވާވަރުގެ ކަމެއް ނޫނެވެ. ކުޅީގެ ފެންގަނޑުން ފެންނަމުން ދިޔައީ މަރުވެ، ކުނިވެގެން ފެންމައްޗަށް އަރާފައިވާ ބޭނގު މަސްތަކެވެ.

ޓީމުގެ އެއް މާހިރު، ޗައިނީސް ޔުނިވާސިޓީ އޮފް ހޮންގްކޮންގްގެ ޕްރޮފެސާ ޖޯ ލީ ފާހަގަކުރެއްވި ގޮތުގައި މަސް މަރުވަމުންދަނީ ފެން ފަށަލަ ހޫނުވެ، އަދި ފެންގަނޑު މާ ބޮޑަށް ލޮނުވެ އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށީ މަށި ކުޅީގެ ފެންގަނޑުގައި ބޭންގު މަސް މަރުވެފައި --- ފޮޓޯ/ ބިލީފް

ކުޅީގެ ފެންގަނޑު ހޫނުވެ ހިކެމުން ދާ އިރު، ފެންގަނޑުގެ ފުން ދިމާލަށް ދިއުމަށް މަސްތަކަށް އޮތް ހުރަހަކަށް ވަނީ ރަންވޭ އެޅުމަށް ކުޅީގެ މެދުން ހިއްކާފައިވާތީ އެވެ.

ކުޅީގެ ތެރެއިން ހިނގަމުން ދިޔަ އިރު މާ ދުރުން ދޫނި ބައިގަނޑެއް އުދުހޭތަން ފެނުނެވެ. އެ ކުޅިއަށް ޒިޔާރަތްކުރާ އެކި ބާވަތުގެ ދޫނިތައް ދެން އެތަނަށް ކުރިން އައި ގޮތަށް އައުމަކީ ނާދިރު ކަމެކެވެ.

"މަސްތަކަކީ ދޫނިތަކުގެ ކާނާ. އެތަނުން މަސްތައް ހުސްވެއްޖެ ނަމަ ދޫނި ނާންނާނެ،" މެންގްރޫވް އެކްޝަން ޕްރޮޖެކްޓުގެ އޭޝިއާ ކޯޑިނޭޓަރ ޖިމް އެންރައިޓް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކުޅީގެ އަޑީގައި ހުންނަ ކުޅި ކޯޅި: ކުޅި ކޯޅިއަކީ ފިނިހަކައިގެ ބާވަތެއްގެ ބޮލި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ކުޅީގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގާލާފައި ދިޔުން އެހާ ފަސޭހަކަމަކަށް ނުވި އެވެ. ޗަކައިގެ ތެރޭގައި އެންމެ ފިޔަވަޅެއްވެސް އެޅެނީ އެހާމެ މަސައްކަތުންނެވެ. ގަނޑިއެއްހާ ވަންދެން ޗަކަގަނޑު ތެރޭގައި ހިނގީ، އެތަނުގެ އަޑީގައި ހުރި "ކުޅި ކޯޅި" (ފިނިހަކައިގެ ބާވަތެއްގެ ބޮއްޔެއް) އާއި ގޮފިތައް ފަޔަށް ހެރިދާނެތީ ހުޝިޔާރުވެގެންނެވެ. ފައިގެ ތިން ތަނަކުން ކެނޑި ހާނީއްކަވެސްވި އެވެ.

މުޅި ކުޅުދުއްފުށީގެ ފަހުރާއި ހައިބަތު ކަމުގައި ބެލެވުނު ކުޅި މަރުވަމުންދާ މަންޒަރު ފެނި، ދެރަވެސްވި އެވެ.

ކުޅުދުއްފުށީ ކުޅީގެ ކުރީގެ ރީތި ފޮޓޯތަކުން ފެނުނު އެ ރީތި މަންޒަރު މިއަދު މުޅިން ބަދަލުވެ، މި ވަނީ ހާސް ބައި ތަފާތުވެފަ އެވެ. އެތަނުން މިއަދު ފެންނަ ވީރާނާ ކަމަކީ، އެ ދުވަހު ބުއްދިއަށް ވިސްނުނު ކޮށި ވިސްނުމެއްގައި ގެނައި "ތަރައްގީ"ގެ ހިތި ނަތީޖާގެ މަންޒަރެކެވެ.

comment ކޮމެންޓް