ރޯދަ މަހު ބްރިޖުގައި އެއްވެސް ހެވީ ވެހިކަލެއް ނުދުއްވޭނެ!

ޕިކަޕަކުން ފިޔާ ގޯނި ތަކެއްބާލަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަމަޟާން މަހު ސިނަމާލެ ބްރިޖުގައި އެއްވެސް ހެވީ ވެހިކަލެއް ނުދުއްވޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީ އިން އިއްޔެ ވަނީ ރަމަޟާން މަހު މާލޭގައި މުދާ އެއްތަނުން އަނެއްތަނަށް އުފުލޭނެ ވަގުތު ތައް އާންމުކޮށްފަ އެވެ.

އެގޮތުން ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށާއި މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ނަމަވެސް ހެނދުނު 9:00 އިން ހަވީރު 15:00 އަށް ފެނާއި ކައްކާ ގޭސް އުފުލާ ނަމަ އުފުލަން ޖެހޭނީ 350 ކިލޯ އަށް ވުރެ ލުއި، މުދާ އުފުލާ އުޅަނދެއްގައި ކަމަށް އެ އިއުލާނުގައިވެ އެވެ.

ޓްރާންސްޕޯޓުގެ އިއުލާނުގައިވާ ގޮތުން ހަވީރު 15:00 އިން ފެށިގެން ރޭގަނޑު 21:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެކެވެ.

އެ އިއުލާނުގައިވާ ގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ، މުދަ އުފުލާ އުޅަނދުގައި އުފުލެނެ އެވެ. ނަމަވެސް މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް އެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް