ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލު އެކުލަވާލައި ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައުދީ އަށް ގޮސްފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް އެފެއާޒުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހައްޖަށް ގެންދިޔުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިޔުމުގެ ހުއްދަ އޮތް، ރާއްޖޭގައި ރަޖިސްޓަރީކޮށް ފައިވާ އަދި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި
ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދިނުން ހިމެނިފައިވާ، ސަތޭކަ ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންނިތަކަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމާ ބެހޭ އުސޫލެއް ވެސް އެކުލަވާލައި އިއުލާނުކޮށްފަ އެވެ.

އަދި ހައްޖަށް ގެންދިޔުމަށް އެދި ހުށަހަޅާ ކުންފުނީގެ ޑިރެކްޓަރުންނަކީ ޕްރޮޕޯޒަލް ހުށަހަޅާ ދުވަހާއި ހަމައަށް އެއްވެސް ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއްކަމުގައިވެގެން ނުވާނެ ކަމަށެވެ.

އަދި އެފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިގެން ނުވާނެ ކަމަށާއި އެފަދަ ހުކުމެއް ކޮށްފައި ވޭތޯ ބެލުމުގައި ނުވަތަ ތަންފީޒުކޮށްފައި ވޭތޯ ބެލުމަށް، ޕްރޮޕޯޒަލް ހުށަހަޅާ ދުވަހާއި ހަމަޔަށް ފަސް އަހަރު ބަލާނެ ކަމަށް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީ އަރަބިއާގެ އެއްވެސް ރަސްމީ ފަރާތަކަށް
ނުވަތަ ހައްޖުގެ ކަންތައްތަކާ ގުޅުންހުރި އެއްވެސް ފަރާތަކަށް ފައިސާ އެއް ދައްކަންޖެހި އެ ފައިސާ ނުދައްކނުވ ނުވަތަ ގަވައިދުން ފައިސާ ދައްކަމުން ނުދާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
ރާއްޖެ އިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުންޏަކީ، އެއްވެސް ގާނޫނަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާ އަކަށް ދައްކަންޖެހޭ ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު
ދަރަންޏެއް ނުވަތަ ޖުރިމަނާ އެއް، ޕްރޮޕޯޒަލް ހުށަހެޅުމާއި ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏެއް ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ޕްރޮޕޯޒަލްފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ ބުރާސްފަތި ކަމަށްވާ، 18 އެޕްރީލް ވަނަ ދުވަހު އެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުން ދައްކަން ޖެހޭ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީ އޭޕްރީލް 28ގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި ފީ އަކީ 10،000 ރުފިޔާ ކަމަށް އިސްލާމިކް އެފެއާޒުން ކުރި އިއުލާނުގައިވެ އެވެ. ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގަ އެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާނީ އެކަމަށް ހާއްސަ ކޮމެޓީ އަކުންނެވެ. އެ ކޮމެޓީގައި ތިއްބަވާނީ އެޓާނީ ޖެނެރަލްގެ އޮޮފީހުން ކަނޑައަޅާ މެންބަރަކާއި ދައުލަތުގެ މާލީ ވުޒާރާއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ދައުލަތުން ވިޔަފާރިއާއި އިގްތުސޯދުގެ ކަންތައް ހަވާލުކޮށްފައި އޮންނަ ވުޒާރާގެ މެންބަރަކާޢި ދީނީ ކަންތައް ހަވާލުކޮށްފައި އޮންނަ ވުޒާރާ އިން ދެ މެންބަރެކެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކުންފުނިތަކުން "ރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު"ގައި ރެޖިސްޓްރީ ކުރަން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އުސޫލާ ހިލާފުވާ ކުންފުނިތަކާމެދު ފިޔަވަޅު އެޅޭނެގޮތް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ހައްޖަށް މީހުން ގެންދިޔުމަށް އެދޭ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މިއާއެކު ހައްޖަށް ދާން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް އެ މަގު ވަނީ ތަނަވަސްވެފަ އެވެ.

comment ކޮމެންޓް