ދީނާއި ޤައުމަށް ހިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަ ކުރުމެއް ނޫން: އިމްރާން

މިރޭ ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، ގައުމަށްޓަކައި ހިދުމަތް ކުރުމުގެ މަގަކީ ހަމައެކަނި ހަނގުރާމަ ކުރުން ނޫން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިސްލާމްދީނާއި ދިވެހި ގައުމަށް ހިދުމަތްކުރެވޭނެ ހަމައެކަނި މަގަކީ ހަގުރާމަ ކުރުން ކަމުގައި ދެކިގެން ނުވާނެ ކަމަސް ހޯމް މިނިސްޓަރު ޝެހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި އެއް ޤައުމު އަނެއް ގައުމާ ވާދަކޮށް އެއްގަމު އަނެއް ގައުމުގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާ އިރު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީ ބާރުތަކެއް އަކަނި ނޫން ކަމަށެވެ. އިގްތިސޯދީ ބާރުތަކާއި ތަފާތު ވަސީލަތްތަކުން ދުނިޔޭގެ މައްޗަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު ދިވެހިން ދިވެހިންގެ ދައުރާމެދު ފުރިހަމަ އަށް ވިސްނަން ޖެހޭ ކަަމަށް އިމްރާން ވިދާޅުވިއެވެ.

"އިގްސޯދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާއިރު އަޅުގަނޑުމެން ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީ ބާރުން ކަމަށް ދެކި، ގައުމާއި ދީނުގެ ހިމާޔަތުގައި އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ، ހަމައެކަނި ހަނގުރާމަ ކުރުން ކަމަށް ދެކުމަކީ، އެންމެ ބުއްދިވެރި ގޮތެއް ނޫން،" ދިފާއީ ބާރުތާކާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ޤައުމަށްޓަކައި އަޅުގަނޑުމެން ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޝަހީދުންގެ އެންމެ އިއްޒަތްތެރި ސައްޔިދުއް ޝުހަދާ އާއި މިރޭ މިފާހަގަކުރެވޭ އަލިރަސްގެފާން ފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭކަމަށެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބެއްވި ރަސްމިއްޔާތު ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"އެބޭފުޅުންފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރިބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އެބޭފުޅުން ފަދަ އިލްމީ، ގާބިލު ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އެބޭފުޅުންގެ މަތިވެރި އަހްލާގީ ސިފަތަކުން އަޅުގަނޑުމެން ސިފަ ލިބިގަންނަ ޖެހޭ،" އިމްރާން ވިދާޅުވީ، ގައުމާ ދީނާ ހިދުމަތް ކުރެވޭނީ އެފަދަ ޝަހީދުން ނަމޫނާ އެއް ގޮތުގައި ދެކިގެން ކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ތާރީހުގެ ޒިކުރާތައް އާލާކޮށް މުސްތަގުބަލާ ހަމައަށް އެ ތާރީހު ގެންދިޔުމަކީ ކޮންމެ ފަރުދަކުވެސް ފުރިހަމަ އަށް އަދާކުރަން ޖެހޭ ކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ، ރާއްޖޭގެ ފަހުރުވެރި ތާރީހަކާއި މުއްސަނދި ހަޟާރާތެއް ވާކަމަށެވެ. އަދި ދިވެހި ސަގާފަތާއި އަދަބިއްޔާތަކީ އަބަދުވެސް ވިދަވިދާ ހުންނަށް ނަމޫނާ ސަގާފަތަކާއި އަދަބިއްޔާތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަސް ހާއްސަ ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތް ކުރެއްވުމަށް ހަނގުރާމަ ކުރެއްވަނިކޮށް ޝަހީދުވި، ޝަހީދު އަލި ރަސްގެފާނަށެވެ.

comment ކޮމެންޓް