ނިއުޕޯޓްގައި އަޅުގަނޑުގެ ކުޑަވެސް މަސްލަހަތެއް ނޯންނާނެ: އަސްލަމް

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން ހުސްނުކުރީ އެކަމުގެ ފަހަތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުރެގެން ކަމަށް ދެކެވޭ ވާހަތަކަށް އޭނާ ރައްދުދެވައިފިއެވެ.

އަސްލަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއުޕޯޓްގައި އޭނާގެ ކުޑަވެސް މަސްލަހަތެއް ނޯންނާނެ ކަަމަށެވެ

" ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް މަންފާއެއް އެއްވެސް މީހަކަށް ހޯދާ ދިނުމަކަށްވެސް އަދި ނުހައްގުން އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް ނިގުޅައި ގަތުމަކަށްވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން" އަސްލަމް ކުރެއްވި ޓުވީޓުގައި ވެއެވެ.

އެއް މަސް ދުވަސް ދުވަހުގެ ތެރޭގައި ނިއުޕޯޓާއި ޕްލެޓްފޯމް ހުރި ބިން ހުސްކުރުމަށް ނޯޓިސް ދީނީ މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. އަދި އެ މުއްދަތު މިދިޔަ ބުރާސްފަތު ދުވަހު ހަމަވި ނަމަވެސް މިހާތަނަށް ވެސް އެ ރެސްޓޯރެންޓް ބަންދުކޮށް ހުސްކޮށްފައެއް ނުވެ އެވެ.

ނިއުޕޯޓު ހިންގާ ސަރަހައްދު ސްޓްރާޑާއަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ދާދި ފަހުން ޒާހިދު ވަނީ އެ މަގާމުން ވަކިވެފަ އެވެ. މިހާރު ސްޓްރާޑާގެ މެނޭޖިންގް ޑިރެކްޓަރަކީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްހަކީމްއެވެ.

އޭގެ އިތުރުން، ރިންގްރޯޑު ހެދުމަށް ސްޓްރާޑާއިން ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް ތަޅާލުމުގެ ބަދަލު އެ ކުންފުންޏަށް ދައުލަތުން ދީފައި ނުވާ މައްސަލާގައި ވެސް ކޯޓަށް ދާން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެ ފައިސާ ނުދީ މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގުމާ ގުޅިގެން އަދިވެސް އެ ފައިސާ އެ ކުންފުންޏަށް ދީފައެއް ނުވެ އެވެ.

ނިއުޕޯޓު ވިއު ހުސްކުރަން އެންގި މައްސަލައާއި ރިންގްރޯޑު ހެދުމަށްޓަކައި، ބްރިޖު ވިއުއިންގް ޕްލެޓްފޯމްގައި ކުރިން ހިންގި ޗާޓައިމް ތަޅާލި މައްސަލައިގައި ދައުވާކުރަން ނިންމައިފައިވާ ކަމަށް ވެސް ސްޓްރާޑާއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް