ބިރުން ވިރިވިރި ރޯންހުރި ކުޑަކުއްޖެއްގެ ފޮޓޯއަށް ވާލްޑް ޕްރެސް ފޮޓޯ ޖާނަލިޒަމްގެ އެވޯޑް

ރޯން ހުރި ކުޑަކުއްޖާގެ ފޮޓޯ---

މެކްސިކޯއާ އެމެރިކާގެ ބޯޑަރު ކައިރީގައި، ބިރުން ވިރިވިރި ރޯން ހުރި ކުޑަކުއްޖެއްގެ ފޮޓޯއަށް ވާލްޑް ޕްރެސް ފޮޓޯ ޖާނަލިޒަމްގެ އެވޯޑް ލިބިއްޖެ އެވެ.

އެ ފޮޓޯ ނެގިއިރު އެ ކުޑަކުއްޖާ ހުރީ އޭނާގެ މަންމަ ކައިރީގަ އެވެ. ކުޑަކުއްޖާ ރޯން ފެށީ އެމެރިކާގެ ބޯޑަރު އޮފިޝަލުން އެ ދެމައިން ހައްޔަރުކުރަން އުޅުމުންނެވެ. ހޮންޑިއުރާސްއަށް ނިސްބަތްވާ ސަންދްރާ ސަންޗޭޒްއާއި އޭނާގެ ކުޑަ ދަރިފަޅު ޔަނޭލާ ހައްޔަރުކުރީ މެކްސިކޯގެ ބޯޑަށް ހުރަސްކޮށް ވަގަށް އެމެރިކާއަށް ވަންނަން އުޅެނިކޮށެވެ.

އެ ފޮޓޯ ނެގި ގެޓީގެ މަޝްހޫރު ފޮޓޯގްރަފަރު ޖޯން މުއާ ވިދާޅުވީ އެ ފޮޓޯއިން އަނިޔާވެރިކަމާއި ނަފްސާނީގޮތުން ލިބޭ ގެއްލުންތައް ވަރަށް ތަފާތުކޮށް ދައްކުވައިދޭ ކަމަށެވެ.

މުއާ އަށް އެފޮޓޯ ނެގުނީ އޭނާ އެއްރޭ އެމެރިކާގެ ބޯޑާ ޕެޓްރޯލް އޭޖެންޓްސްގެ ފޮޓޯތަކެއް ނަގަން އުޅުމުގެ ތެރޭ، ވަގަށް ބޯޑަރު ހުރަސްކުރަން އުޅުނު ބައެއް އޭނާގެ ކެމެރާއަށް އަމާޒުވުމުންނެވެ.

"އެ މީހުންގެ މޫނުމަތިން އަހަންނަށް ފެނުނީ އިންތިހާއަށް ބިރުވެރިކަން،" މުއާ ވިދާޅުވި އެވެ.

ފޮޓޯ ޖާނަލިޒަމްގެ އެވޯޑް އެރުވި ރަސްމިއްޔާތުގައި މުއާ އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އޭނާ ބޭނުންވީ ތަފާތު ވާހަކައެއް ފޮޓޯއިން ކިޔައިދޭން ކަަމަށެވެ.

"އިންސާނިއްޔަތުކަން ކިޔައިދޭން ލިބުނީ ފުރުސަތެއް އެއީ." މުއާ ވިދާޅުވި އެވެ.

އެ ފޮޓޯ ޝާއިއުކުރުމާއެކުހެން މުޅި ދުނިޔޭގެ ސަމާލުކަން ވެސް އެ ފޮޓޯއަށް ލިބުނެވެ. އަދި އާއިލާތައް ވަކިކުރުމަށް އެމެރިކާއިން ގެންގުޅެމުން ދިޔަ ޕޮލިސީތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން އޮފިޝަލުން ފަހުން ވިދާޅުވީ، ފޮޓޯއިން ފެންނަ ދެމައިން ވަކިނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ފޮޓޯގެ ސަމާލުކަން އިންތިހާއަށް އިތުރުވުމުން، އެމެރިކާއިން ގެންގުޅެމުން އައި އާއިލާތައް ވަކިކުރުމުގެ ޕޮލިސީއަށް ވަނީ ބަދަލުގެނެސްފަ އެވެ.

މަސްދަރު: އެންޑީޓީވީ

comment ކޮމެންޓް