ހިނގަމުން މިދާ ޝައުބާން މަހުގައި ހެޔޮ އަމަލުކުރުން ގިނަކޮށް ރޯދަހިފުން އިތުރުކުރަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާ ބިނާ ކޮށްފައިވަނީ ޝައުބާން މަހުގެ ހެޔޮ އަމަލު ކުރުމާ ގުޅޭ ގޮތުންނެވެ.
ހުތުބާގައި ބުނީ، ކުރީގެ އުންމަތްތަކުގެ އުމުރާ އަޅާ ބަލާ އިރު، މި އުންމަތުގެ މީހުންގެ އުމުރު ކުރު ކަމަށާއި މި އުންމަތުގެ މުސްލިމުންނަށް ލިބިފައިވާ ކުރު އުމުރުގެ ދުވަސް ތަކުގައި އަންނަ ބަރަކާތްތެރި ދުވަސްތަކާއި މަސްސަރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ހެޔޮ އަމަލު ގިނަ ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ކުރު އުމުރެއްގައި ގިނަގުނަ ހެޔޮ ކަންތައް ކުރެވޭނެ ގޮތް މިއުންމަތުގެ މީހުންނަށްޓަކައި މާތްﷲ މިނަވަރު ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބަރަކާތްތެރިވެގެން ވާ ދުވަސްތަކާއި މައްސަރުތަކުގައި ކުރެވޭ އަޅުކަންތަކުގެ ސަވާބު މާތްﷲ އިތުރު ކުރުވައްފައިވާ ކަމަށް ހުތުބާ ގައި ބުންޏެވެ.
"ޝައުބާން މަހުގެ ރޯދަ ހިފުން ގިނަ ކުރުމަކީ، ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް، ﷲ ހަޟްރަތުން ދަރުމައާއި ސަވާބަށް އެދިގެން މީހަކު ރީދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާ،"
"މިހާރު ގުނަމުންމިދާ ދުވަސްތަކަކީ ހުރުމަތްތެރި ކުރެވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރި ރަމަޟާން މަހާ ދެމެދުގައިވާ މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ މަހުގެ ދުވަސްތަކާ މެދު ޣާފިލުވެފައިވާ ޝައުބާން މަހުގެ ދުވަސްތައް. މި ދުވަސްތަކަކީ، އަޅުގަނޑުމެންގެ ހެޔޮއަމަލުގެ ފަތަށް ހެޔޮއަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ. އެ މަހުގައި ކުރުން އެންމެ މުހިންމު ކަމަކީ، ގިނަގިނައިން ރޯދަ ހިފުން،" ޝައުބާން މަހަކީ މާތްﷲގެ ހަޟްރަތުގައި އުފުއްލެވޭ މައްސަރެއްކަމަށް ފާހަގަކޮށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ޝައުބާން މަހުގެ ރޯދަ ހިފުން ގިނަ ކުރުމުގެ ދެ ހިކުމަތެއް ވާކަމަށެވެ. ފުރަތަމަ ހިކުމަތަކީ، ޝައުބާން މަހަކީ ރަމަޟާން މަހުގެ ކުރިން އަންނަ މަސްކަމަށް ވެފައި، ރަމަޟާން މަހަަށް ތައްޔާތުވުމުގެ ގޮތުން ކަމަށެވެ. ދެވަނަ ހިކުމަތަކީ ޝައުބާން މަހަކީ، މާތްﷲގެ ހަޟްރަތުގައި އުފުލިގެންދާ މަހަކަށްވާތީ ކަމަށެވެ.
އޭގެ އިތުރުން ޝައުބާން މަހުގެ ރޯދަ ހިފުމަކީ، ފަރުޟު ނަމާދު އިއްސަފުގައި ކުރެވޭ ރަވާތިބް ސުންނަތެއް ފަދަ ކަމެއް ކަަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ގެ އަމަލަފުޅުތަކަށް ބަލާއިރު، އެކަލޭގެފާނު ޝައުބާން މަހުގެ ބޮޑު ބައެއް ރޯދަ ހިއްޕެވި ކަމަށް ހަދީޘްތަކުން ސާބިތުވާ ކަމަށް ހުތުބާގައި ބުންޏެވެ.
"ޝައުބާން މަހުގެ ރޯދަ ހިފުން ގިނަ ކުރުމަކީ، ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް، ﷲ ހަޟްރަތުން ދަރުމައާއި ސަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާ،" ރޯދަ ހިފުމުގެ މާތް ކަމާ ގުޅޭގޮތުން ހުތުބާގައި ބުންޏެވެ.
"ވެހޭތާ ފެންނަގާށޭ ބުނާ ބީދައިން ހެޔޮ ގޮތް އިހްތިޔާރު ކުރަމާ ތޯ. މިދިޔަ ރަމަޟާން މަހުން ގަޟާ ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ހުރި ނަމަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ގަޟާކުރުމަށް އަވަސް ވެގަންނަމާތޯ،"
ރަމަޟާން މަހުގެ އެއް ވަނަ ދުވަހަކީ، އަންނަ މެއި މަހުގެ ހަވަނަ ދުވަހެވެ. ރަމަޟާން މަސް އައުމަށް ބާކީ އޮތީ، 22 ދުވަހެވެ.
ޝިރުކުގެ ބައެއް އަމަލުތައް ވަނީ ސިއްރާ ފާޅުގައި ފެތުރިފައި!
ހުތުބާގައި އިތުރަށް ބުނީ، މާތްﷲ އަށް ޝިރުކު ކުރުން ފަދަ އަމަލުތައް ސިއްރާއި ފާޅުގައި މުޖުތައުގައި ފެތުރިފައިވާ ކަމަށެވެ. އެގޮތުން، މީސްތަކުންނަށް ލޯބިކުރުމާއި ބޯލެނބުމާއި ނަދުރު ބުނުމާއި ގުރުބާންތައް ކަތިލުންފަދަ، މާތްﷲ އަށް ހާއްސަވެގެންވާ ކަންތައްތަކުގައި އެކާލަންގެ އަޅުންނާއި އެއްވަރު ކުރެއްވިއްޖެ ނަމަ، އެއީ ޝިރުކެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ބައެއް މީހުން ޝައުބާން މަހުގައި ކުރާ ބައެއް ބިދުޢަ އަމަލުތަކަށް ވެސް ހުތުބާގައި ވަނީ އަލިއަޅުވާލަފައެވެ.
"ބައެއް މީހުން ޝައުބާން މަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވާ ޖަމާއަތް ހަދައިގެން އެ ރޭ ހާއްސަކޮށް ނަމާދުކޮށް ހަދައި. މިއިން އެއްވެސް ކަމަކީ، ރަސޫލާގެ ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހުން ވާރިދު ވެގެންވާ ކަމެއް ނޫން. އަދި އަސްހާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިއީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫން. މިއީ ބޮޑު ވެގެންވާ ބިދުޢަ އެއް،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ކޮންމެ ބިދުޢަ އަކީ، މަގު ފުރެދުމެއް ކަމަށާ އަދި ކޮންމެ މަގު ފުރެދުމެއް ވަނީ ނަރަކައިގައި ކަމަށެވެ.