ރައީސް މައުމޫން ނަޝީދަށް ގުޅުއްވައި މަރުހަބާ ދަންނަވައިފި

އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖޭގެ ސިޔާސީ ވާދަވެރިން އެކުގައި، ރައީސް މައުމޫން އަދި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ --- ސަން ފައިލް ފޮޓޯ

ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ރައީސް ނަޝީދުއަށް މިއަދު ގުޅުއްވައި މަރުހަބާ ދަންނަވައިފައިވާ ކަމަށެވެ.

"އަޅުގަނޑު ގުޅީތީ ރައީސް ނަޝީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުފައި. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގުޅުން އިތުރަށް ބާއްވާނެ ކަމަށް ވިދާޅުވި،" ރައީސް މައުމޫންގެ ޓުވީޓުގައިވެ އެވެ.

ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އެހެން ނަަމަވެސް އެ އިންތިހާބްގައި ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރެއްވި 20 ކެންޑިޑޭޓުންގެ ތެރެއިން ނިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ފިޔަވައި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވުނެވެ.

ރައީސް މައުމޫންގެ ކެމްޕެއިން ޓީމާއި ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގާޢީ އެ މަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ވަރަށް ރަނގަޅަށް މަޖިލީހުގެ މަސައްކަތް ކުރެއްވޭނެ ގާބިލް ބޭފުޅުން ކަަމަށާއި އެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ނުވުމަކީ ވަރަށް ބޮޑު އުނިކަމެއް މަޖިލީހަށް އަންނެކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު މި ހުންނެވީ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ކަމަށާއި ކޯލިޝަންގައި ދެމި ހުންނަވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ރައީސް އަށް މަރުހަބާ ދަންނަވައި، ރައްޔިތުނަށް ފާއިދާ ހުރި ކޮންމެ ކަމެއްގައި ރައީސް ސޯލިހަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާފައިވާނެ ކަމަސް ރައީސް މައުމޫން ވިދާޅުވިއެވެ. ނަމަވެސް ކަންތައްތައް އިސްލާހު ކުރަން ވިސްނާލަން އެބަ ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

comment ކޮމެންޓް