އައިޔޫއެމް އިން ގްރެޖުއޭޓްވި ދަރިވަރުންގެ ތެރޭގައި ބޭރުގެ ތިން ދަރިވަރަކު

އައިޔޫއެމްގެ ގްރެޖުއޭޝަން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުން ރޭ ބާއްވާފައިވާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ރާއްޖެއިން ބޭރުގެ ތިން ދަރިވަރަކު މާސްޓާސް ޑިގްރީ ހާސިލްކޮށް އެ ޔުނިވާސިޓީ އިން ދަސްވެނިވި ކަމެވެ.

އާންމުކޮށް ފެންނަ މަންޒަރަކީ އަރަބި އިސްލާމީ ތައުލީމު އުނގެނެން ދިވެހިން އަރަބި އިސްލާމީ ގައުމުތަކަށް ދަތުރު ކޮށް އިލްމު އުނގެނޭތަނެވެ. ނަމަވެސް މަތީ ތައުލީމު އުނގެނެން އެހެން ގައުމުތަކުން ރާއްޖެ އައިސް މާސްޓާސް ޑިގްރީ ހާސިލްކުރާ މަންޒަރު ފެނުމަކީ ރާއްޖޭގެ މަތީ ތައުލީމްގެ ދާއިރާ އޮތް ހަތުފަތަށް ދޭހަކޮށްދޭ ކަމެކެވެ.

އިސްލާމީ ޔުނިވާސިޓީ އިން ރޭ ދަސްވެނިވި ބޭރު ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއާގެ ދަރިވަރެއްގެ އިތުރުން ސްރީލަންކާގެ ދެ ދަރިވަރުންނެވެ. މި ތިން ދަރިވަރުންނަކީވެސް އައިޔޫއެމް އިން މާސްޓާސް ޑިގްރީ ހާސިލްކުރި ދަރިވަރުންނެވެ.

އެއީ މާސްޓާ އޮފް ޖުޑިޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ކޯސް ފުރިހަމަކުރި ދެ ދަރިވަރުންނާއި މާސްޓާ އޮފް އެޑިއުކޭޝަން އެންޑް ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން ގްރެޖުއޭޓްވި ދަރިވަރެކެވެ. މީގެތެރެއިން މާސްޓާ އޮފް ޖުޑިޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ކޯހަކީ އަރަބި ބަހުން ކިޔަވައިދޭ ކޯހެކެވެ. މާސްޓާ އޮފް އެޑިއުކޭޝަން އެންޑް ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން އަކީ އިނގިރޭސި ބަހުން ކިޔަވައިދޭ ކޯހެކެވެ.

ރޭގެ ހަފްލާގައި އައިޔޫއެމްގެ ބެސްޓް ސްޓޫޑެންޓް އެވޯޑު 8 ދަރިވަރަކު ހާސިލުކުރިއެވެ.

comment ކޮމެންޓް