މާމިގިލީ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަނީ

ހަޔެއް ޖެހުމާއެކު އިންތިހާބުގެ ވޯޓުނެގުން ވަނީ ބަންދުކޮށްފައި

ހޮނިހިރު ދުވަހު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލި މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ މާމިގިލި ދާއިރާއަށް ވާދަ ކުރި ކެންޑިޑޭޓޭއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.

މާމިގިލި ދާއިރާގެ ވޯޓު ގުނި އިރު މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގައި ވެސް ގިނަ އަދަދެއްގެ ބާތިލު ވޯޓު ހުއްޓެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ޖުމްލަ ބާތިލު ވޯޓަކީ 190 އެވެ.

މިހާރު މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މިހާރުގެ މެމްބަރު ގާސިމް އިބްރާހިމް ކުރީގައި އުޅުއްވަނީ އެއްމެ 80 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 1081 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒަށް ލިބިފައި ވަނީ 1001 ވޯޓެވެ.

މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން ނިންމާފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، ކެންދޫ ދާއިރާގެ ވޯޓު ފޮއްޓަކާ ގުޅިގެން ހުށަހެޅި މައްސަލައެއް އިތުރަށް ބަލަން އިލެކްޝަންސްގެ ޓީމެއް އެ ރަށަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މާވަށު ދާއިރާއާ ގުޅިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން މިއަދު އެ ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އަކުރަމް ވިދާޅުވީ، ދެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަކީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ މައްސަލަތައް ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަތައް އިތުރަށް ނުބަލަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް