ފެލިދޫ ދާއިރާގެ ގޮނޑި ފަޒުލް ކާމިޔާބު ކުރައްވައިފި

އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ ފަޒުލް: އެނާ ވަނީ ފެލިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރައްވާފަައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ފެލިދޫ ދާއިރާ އަށް ވާދަ ކުރެއްވި އެމްޑަބްލިއުއެސްސީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

"ސަން" އަށް ކުރިން ލިބެމުން އައި ނަތީޖާއަށް ބަލާއިރު، މިހާތަނަށް އެ ދާއިރާ އިން ކުރި ހޯއްދަވަމުން އައީ ވެރިކަން ކުރާ މައި، ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒެވެ.

"ސަން" އަށް އެންމެފަހުން ލިބުނު ނަތީޖާތަކަށް ބަލާއިރު، ފަޒުލް އަށް ލިބިފައިވަނީ ޖުމްލަ 472 ވޯޓެވެ. ފަޒުލްއާ އެންމެ ކައިރިން ވާދަ ކުރި މަބްރޫކަށް ލިބިވަޑައިގަތީ، 422 ވޯޓެވެ. އެމްޓީޑީ ޓިކެޓްގައި ވާދަ ކުރެއްވި އަބްދުﷲ އާރިފަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.

މިހާތަނަށް "ސަން" އަށް ލިބިފައި ނުވަނީ ދެ ރަށަކުން އެ ދާއިރާއަށް ލިބެންޖެހޭ ވޯޓުގެ ނަތީޖާއެވެ. އެ ދެރަށުން ފެލިދޫ ދާއިރާ އަށް ވޯޓު ލެވެނީ ޖުމްލަ ދެ މީހަކަށެވެ.

ފަޒުލް އާއި މަބްރޫކްގެ ވޯޓުގެ ފަރަގަކީ 50 ވޯޓެވެ. އެހެން ކަމުން މި ވޯޓުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

https://sun.mv/majilis2019/constituency/J01

ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ފެލިދޫ ދާއިރާގެ ގޮނޑިއާއެކު ކޮންގްރެސް ޕާޓީ އަށް މިހާތަނަށް ލިބުނީ ޖުމްލަ ތިން ގޮނޑިއެވެ. ފެލިދޫ ދާއިރާގެ އިތުރުން ކޮންގްރެސް ޕާޓީއަށް ލިބުނީ، މަޑުއްވަރީ ދާއިރާއާއި މާވަށު ދާއިރާއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މައްޑުއްވަރީ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އަދި މާވަށު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ކޮންގްރެސްޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ. ބައެއް ދާއިރާތަކުގައި ޕީޕީއެމާ ކޯލިޝަން ހަދައިގެން އިންތިޚާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީ އަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 65 ގޮނޑިއެވެ.

comment ކޮމެންޓް