ގޮނޑި ގެއްލުމުގެ ބަދަލުގެ ހޯއްދެވުމަށް ނާޒިމް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތް

ކުރީގެ މެމްބަރު އަހުމަދު ނާޒިމް ---

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ސުޕްރީމް ކޯޓުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު އޭނާގެ ގޮނޑި ގެއްލުމުން، އެކަމުގެ ބަދަލު ހޯއްދެވުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތް ހެދި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، 2015 ވަނަ އަހަރު އޭނާގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު އެވެ. ރިޔާސީ އިންތިހާބަށް ފަހު، މިދިޔަ އަހަރުގެ ފަހު ކޮޅު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ރިވިއުކޮށް، އެ ހުކުމް ބާތިލުކޮށްފަ އެވެ.

ނާޒިމްގެ ފަރާތުން މައްސަލަ ހުށަހެޅީީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އެ މައްސަލަ ހުށަހެޅީ ނާޒިމްގެ ގޮނޑި ގެއްލިފައި އޮތް މުއްދަތުގެ ތެރޭގައި އޭނާއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން ދިނުމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ނަމަވެސް ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ފެބްރުއަރީ 10 ވަނަ ދުވަހު ސިވިލް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައި ވަނީ ޝަރުއީ ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން މެދުވެރިވާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ބަދަލު ނެގުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އޭގެ ފަހުން ރަޖިސްޓްރާގެ އެ ނިންމުން އަލުން ބެލުމަށް ނާޒިމް އެދުމުން، މާޗު މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓުގެ އިސް ގާޒީ ނިންމަވާފައި ވަނީ ރަޖިސްޓްރާ ނިންމެވި ނިންމުން ރަނގަޅު ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާޒިމް ވާދަ ކުރައްވަ އެވެ. އޭނާ މިފަހަރު ވެސް ވާދަ ކުރައްވަނީ ދިއްގަރު ދާއިރާ އަށެވެ.

comment ކޮމެންޓް