މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލުކުރުމަށް ކެމްޕެއިނެއް ލޯންޗުކޮށްފި

ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމާ އެފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕެއިނުގެ މައިގަނޑު މަގްސަދަކީ މަދިރީގެ ސަބަބުން ޖެހޭ ބަލީގެ މިންވަރު މަދުކުރުމާ އެކު އާންމުން އެކަމަށް ހޭލުންތެރިކުރުން ކަމަށެވެ.

"ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބަށް ބަލާ އިރު މި އަހަރު ޑެންގީ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވޭ. މި އަހަރުގެ މިހާތަނަށް 1300 އެއްހާ މީހުންނަށް އެ ބަލިޖެހިފައިވޭ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ޗިގަން ގުންޔާގެ އައުޓްބްރޭކެއް އެންމެ ފަހުން އައިސްފައި ވަނީ 2006 ވަނަ އަހަރު ކަމުގައިވީ ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުން މާޗްގެ ނިޔަލަށް 421 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ މަދިރިން ސަލާމަތްވުމަށް ނުވަތަ މަދިރި ނައްތާލުމަށް ޓަކައި ގެއާއި ގޯތިތެރޭގައި މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަކެތި ނައްތާލުން މުހިއްމު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހު ރޭވިފައިވާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮގްރާމް މެނޭޖަރު ސަނާ ސަލީމް ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުނާއި ބެލެނިވެރިންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހާއްސަ ކުއިޒް ޕްރޮގްރާމެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަނާ ވިދާޅުވީ ސޯޝަލް މީޑިއާގައި ވެސް އެ ބަލިތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޑެންގީ އަދި ޗިކަންގުންޔާގެ ތަފާސް ހިސާބުތައް ކޮންމެ އަންގާރަ ދުވަހަކު ހިއްސާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ޑެންގީ ހައިލެވެލް އެޑްވޮކަސީ ފޯރަމެއް ވެސް ބާއްވަން ވަނީ ނިންމާފައި. އެ ފޯރަމް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު. ފޯރަމްގައި ޑަބްލިއުއެޗްއޯގެ ކޮންސަލްޓަންޓުން ބައިވެރިވާނެ،"

comment ކޮމެންޓް