ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ، އަރްބާޒް ޚާންގެ ކާމިޔާބު ފިލްމު ސީރީޒް 'ދަބަންގް'ގެ ތިން ވަނަ ފިލްމުގެ ޝޫޓިން މިއަދު އިންޑިއާގެ އިންދޯރުގައި ފަށައިފި އެވެ.
ފިލްމުގެ ޝޫޓިން އަށް ސަލްމާން އަދި އަރްބާޒް އިންދޯރަށް ދިޔައީ އިއްޔެ އެވެ. އިންދޯރުގެ މަންދްލޭޝްވަރު އަދި މަހޭޝްވަރުގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިލްމުގެ ޝޫޓިން ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް އޭރު ސަލްމާން އިތުރު ފިލްމުތަކެއްގައި މަސައްކަތް ކުރަމުން ދިއުމުން ޝޫޓިން ފެށޭ ގޮތް ނުވީ އެވެ.
ސަލްމާން 'ދަބަންގް 3'ގެ މަސައްކަތް ފަށާފައި މިވަނީ އަލީ އައްބާސް ޒަފަރުގެ 'ބާރަތު'ގެ ޝޫޓިން ނިންމާލުމަށް ފަހު އެވެ. 'ދަބަންގް' ސީރީޒްގައި ސަލްމާން އަދާކުރާ "ޗުލްބުލް ޕާންޑޭ"ގެ ކެރެކްޓަރަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކެރެކްޓަރެކެވެ.
ފުރަތަމަ ދެ ފިލްމާ 'ދަބަންގް 3' ތަފާތު ވާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ސަލްމާން ބުނީ 'ދަބަންގް 3' ގައި ފެނިގެންދާނީ އޭނާ "ޗުލްބުލް ޕާންޑޭ" އަށް ވީ ކިހިނެތް ކަމެވެ. ފިލްމުގައި ޗުލްބުލް ޕާންޑޭގެ މާޒީ ފެނިގެން ދާނެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓު ކުރާ 'ދަބަންގް 3'ގައި ސަލްމާން އާ އެކު ފެނިގެން ދާނީ ބަތަލާ ސޮނާކްޝީ ސިންހާ އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ ޑިސެމްބަރުގަ އެވެ.
'ދަބަންގް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު 'ދަބަންގް 2' ރިލީޒް ކުރި އެވެ.