އިންޑިއާ އިން ރާއްޖެއަށް ދެ ލައްކަ ލެޑް ބޮކި ހަދިޔާ ކުރަން ނިންމައިފި

މާލޭގެ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ފެށުމަށް އިފްތިތާހްކުރި ޕޮރުގުރާމްގެ ތެރެއިން---ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓަރީ

އިންޑިއާ އިން ރާއްޖެއަށް ދެ ލައްކަ ލެޑް ބޮކި ހަދިޔާ ކުރަން ނިންމައިފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުން އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކުރީ ހަމައެކަނި މަގުތަކުގައި ހަރުކުރާ ލެޑް ލައިޓް ނޫން ކަމަށާއި އަދި ދެ ލައްކަ ލެޑް ބޮކި ވެސް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މިއީ އެންވަޔަންރަމަންޓް މިނިސްޓްރީއާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސާސް ލިމިޓެޑް (އީއީއެސްއެލް) އާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ. އަދި ލެޑް ބޮކިތައް ބަހާނީ ގޭބިސީތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއަކީ ވެސް އީއީއެސްއެލް އިން އިންޑިއާގައި ކާމިޔާބުކަމާ އެކު ހިންގާފާއިވާ އުޖާލާ އަދި އެސްއެލްއެންޕީ ނަމޫނާ އަކަށް ބަލައިގެން ހިންގާ ޕޮރުގުރާމެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުންޏެވެ.

ތިމާވެއްޓަށް ފައިދާވުމުގެ އިތުރުން ލެޑް ބޮތްކަކީ ގިނަދުވަހު ގެންގުޅެވި، ބޮޑަށް އަލިކޮށްދޭ އަދި ހަކަތަ ސަމަކާރަ (އެފިޝަންޓް)ކޮށްދޭ އާލާތެކެވެ. މިމަޝްރޫއުގެ ސަބަބުން 66.61 މިލިއަން ކިލޯވޮޓް ގަޑީގެ ހަކަތަ ސަލާމަތްކުރެވި، 291 މިލިއަން ރުފިޔާގެ ޚަރަދު ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް