ރައްޔިތުންނަށް ޖަވާބުދާރީވާ ދައުލަތެއް ބިނާކުރެވެން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވީ ވައުދުތައް އިންސާފުކޮށްދޭނީވެސް ހަމަ ރައްޔިޔުން ކަމަށެވެ.
"އެ ރައްޔިތުންގެ ހިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް ޖަވާބުދާރީ ކުރުވޭނެ ދައުލަތެއް އަޅުގަނޑުމެން އެބަ ބިނާކުރަން ޖެހޭ. ޑިމޮކްރަސީ ފުރިހަމަ ގޮތުގައި ހިނގާނީ މިދެންނެވި އުސޫލުން ރައްޔިތުންނަށް ފާޑުކިޔޭނެ ހަމަަތަކެއްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ އަދި ސީޔާސީ ހައްގުތައް ފުޅާކުރެވެން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ޑިމޮކްރަސީއެއް ހިނގާނީ މިދެންނެވި ގޮތަށް ރައްޔިތުން ބާރުވެރިކުރެވި އަދި ރައްޔިތުންގެ ބައިވެރިވެސް ވުމާއެކުގައި" ރައީސް ވިދާޅުވިއެވެ.
ސަރުކާރެއް ދެމިއޮންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި އަދި އަސާސީ ގިނަ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިއްދުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެރަށުންް ޕާސްޕޯޓްގެ ހިދުމަތް ލިބި، ޕާސްޕޯޓް ބަަލައިގަނެވޭނެ ގޮތް ހެދުމުގެ އިތުރުން އެރަށުގެ މަސްދޯނި އެހެލާތަން ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެ ކަަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ދިއްދުއަށް ކޮށްދޭން ވައުދުވެވަޑައިގެންނެވި އިތުރު ކަންތައްތައް
- ރަސްމީ ފާލަމެއް އެޅުން
- ފުޓްބޯޅަ ދަނޑެއް މި އަހަރު ނިމުމުގެ ކުރިން އެޅުން
- ހައުސިން ޔުނިޓްތައް އެޅުން
- ދިއްދޫ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލުކުރުން
- ތާރު ނާޅާހުރި މަގުތަކުގައި ތާރު އެޅުން
- އައިސްޕްލާންޓެއް ބެހެއްޓުން
- ޖޫނިއާ ކޮލެޖެއް އެޅުން
ދިއްދުއަށް ކޮށްދޭން ވައުދުވެ ވަޑައިގަތް ކަންތައްތައް ކުރުމަށް މިއަހަރު ބަޖެޓުގައި ހިމަނައިފައިވާކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.