މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވިސާމް އަލީ އައްޔަނުކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިސާމްއަށް ވަނީ މަގާމުގެ ފަތްކޮޅު ވެސް އަރުވައިފަ އެވެ.
ވިސާމް އަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ތަސްމީން އަލީގެ އަނބިކަަނބަލުންނެވެ. ހުދު ވިސާމް ވެސް ވަނީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ.
އެ ދެ ބޭފުޅުން ވެސް އެންމެ ފަހުން މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވެސް ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.