ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހަމީދަށް ދެއްވައިފި

ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަނު ކުރެއްވި އެމްސީ ހަމީދަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ) ހަމީދު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހޫދު އިބްރާހިމް މިއަދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އައްޔަނު ކުރެއްވީ މިއަދު ހެނދުނު ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަނު ކުރިކަމުގެ ލިޔުން އެމްސީ ހަމީދާ ހަވާލު ކުރައްވައިފައެވެ.

އެމްސީ ހަމީދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ޅިޔަނެވެ.

މި ސަރުކާރު ފެށުނުއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފުލުހުންގެ ހިންގުން ހަމީދާ ހަވާލުކޮށްފައިވަނީ އޭސީޕީގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓުކުރުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުއެވެ.

އެމްސީ ހަމީދު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކުުރުމުން، އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ސުޕްރީމު ކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

އެ ހުކުމާ އެއްގޮތަށް އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ މިދިޔަ އަހަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމު މީގެ ކުރިން ވެސް އަދާކުރެއްވި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި، 2012 އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދޫނިދޫގައި ބަންދުވެސް ކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު