"އަމީނީ ސަންދަރެސް"ގެ ނަމުގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު (މ) އަމީނީމަގުގެ އައުޓްޑޯ ޖިމްގައި ހުރި ކަސްރަތު މެޝިްންތައް ބައްލަވާލައްވަނީ -- ފޮޓޯ: ޔޫތު މިނިސްޓްރީ

އިންތިހާބީ އައު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރުމުގެ ގޮތުން ހުސް ބިންތަކުގައި ހެދުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ފުރަތަމަ ޖިމް އިއްޔެ ހުޅުވައިފި އެވެ.

"އަމީނީ ސަންދަރެސް"ގެ ނަމުގައި އިއްޔެ ހުޅުވި މި ޖިމް ހުޅުވީ އަމީނީމަގުގައި ހުންނަ ސަލާހުއްދީން ބިލްޑިންގާ އިންވެގެން އޮންނަ ހުސް ބިމުގަ އެވެ. އެތަނަކީ ކުރިން އަންހެންވެރިން ބަށި ކުޅުމަށް ބޭނުން ކުރަމުން ދިޔަ ތަނެކެވެ.

ސަންދަރެސްގެ މާނަ އަކީ ދުޅަހެޔޮކަމަށް ޓަކައި އެއްވުމެވެ. އިއްޔެ ހުޅުވި އައުޓްޑޯ ޖިމަށް 'އަމީނީ ސަންދަރެސް' ކިޔަނީ އެ ތަން އަމީނީމަގުގައި ހުންނާތީ އެވެ.

އެ ޖިމު ރަސްމީކޮށް ހުޅުވައިދެއްވަމުން ވަގުތީ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވީ އެ ޖިމުގެ އިތުރުން މާލޭގެ ހަތަރު ސަރަހައްދެއްގައި އައުޓްޑޯ ޖިމު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ ޖިމްތައް ހުންނާނީ ސިނަމާލެ ބްރިޖް ސަރަހައްދުގަ އާއި ވެސްޓް ޕާކް ރެސްޓޯރަންޓު ހިންގި ބިމުގަ އާއި މަޖީދީމަގުން ބޮނޑިބަތް ޕާކުގެ އިތުރުން ސިޓީ ޕާކު ސަރަހައްދުގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޔޫތު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަން ތަކުން މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރު)ގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގައި ބޭނުން ކުރާނެ އޮފީސްއެއް އަލީ ވަހީދު ވަނީ އިއްޔެ ހުޅުވައިދެއްވައިފަ އެވެ.

comment ކޮމެންޓް