ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްހަމީދުގެ ބަޔާން:
މުނިސިޕަލްޓީ އަށް ގަތީ އަގުހެޔޮ އެކަމަކު އައު އުފިއްޔެއް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނެވި އިރު، ތިލަފުއްޓަށް ކުނި ގެންދިޔުމަށް މާލެ ގެނައި އުފުއްޔަކީ އަގުހެޔޮކޮށް ގަން އައު އުފުއްޔެއް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައި ދެއްވި ކަމުގެ ކުށް ސާބިތުވެ، ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އޮގަސްޓް މަހު ހުކުމްކުރުމާ އެކު އެ މައްސަލަ އިސްމާއިލް އަބްދުލް ހަމީދު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރައްވައިފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވި ސަބަބުތައް އިއުލާންކުރެއްވުމަށް މަޖިލީހުގެ ލެޓާ ހެޑުގައި މިއަދު އޭނާ ނެރުއްވި ސިޓީގައި 10 ސަބަބެއް އަބްދުލް ހަމީދު ވަނީ ބަޔާންކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދައުވާ ސާބިތު ކުރުމަށް ޝަރީއަތަށް ހުށަހެޅި ބަޔާންތަކަކީ ސައްހަބަޔާންތަކެއް ކަން އެގެން ނެތީސް އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔުމާއި ޝަރީއަތަށް ހުށަހެޅުނު ހިސާބުތަކަށް ބެލުމެއް ނެތި "ހިޔާލީ ދޮގު" ހިސާބުތަކެއްގެ ހުކުމުގައި ހިމަނުއްވައިގެން މައްސަލަ ނިންމެވި ކަމަށާއި ހެކީން ހުށަހެޅުމަށް ފުރުސަތު ވެސް ނުދެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ހެކީންނާ ސުވާލު ކުރުމަށް އަބްދުލް ހަމީދަށް ފުރުސަތު ނުދެއްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ހަގީގަތަކީ ހުރިހާ ހެކިންގެ ވެސް ހެކިބަހުން ވެސް އެނގޭ ގޮތަށް އުފުލި ހޯދާފައި ވަނީ އޭރު ސަރުކާރުން ބޭނުންކުރި އުފުލިތަކަށް ވުރެ 40 ޕަސެންޓާއި 50 ޕަސެންޓް އަގުހެޔޮކޮށް ކަމަށާއި އެ އުފުލިތަކަށް ވުރެ އައު އުފުލި އައުވާނެ ކަމަށެވެ.

އެގްރިމެންޓުގައި މިހާރު އަމަލުކުރުން ހުއްޓާލާފައިވާ މާއްދާތަކަކަށް ރިއާޔަތްކުރައްވައި އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި ވެސް ގާނޫނާ ހިލާފު އެހެން ބައެއް ކަންތައްތައް ކުރިމިނަލް ކޯޓުން ކޮށްފައިވާ ކަމަށް އިސްމާއިލް ހަމީދު ވަނީ އެ ސިޓީގައި ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު