ޓީބީ ދުވަހާ ގުޅިގެން ސްކްރީންކުރުމުގެ ކެމްޕެއިންއެއް ފަށައިފި

ޓީބީ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ބޭއްވި ހާއްސަ ރަސްމިއްޔާތު --

ޓީވީ ދުވަހާ ގުޅިގެން ޓީބީ ސްކްރީން ކުރުމުގެ ކެމްޕެއިންއެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 24 ވަނަ ދުވަސް ފާހަގަކުރެވެނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގައި ޓީބީ ދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާ އެކަން ފާހަގަ ކުރުމުގެ ބޭނުމަކީ ޖަމާއަތުގެ ފެންވަރުގައްޔާއި ވަކިވަކި ފަރުދުންގެ ފެންވަރުގައި ޓީބީ އިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރު ކުރުވުމާއި، ބަލި ފެތުރުމަށް މަގު ފަހިވާ ފަދަ ކަންތައްތަކުން މުޖްތަމައު ދުރުހެލިކުރުވުމަށް އެހީތެރިވެދިނުމެވެ.

ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ 2 ސަރަޙައްދުގައި (ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ) ޖީންއެކްސްޕާރޓް މެޝީން ބެހެއްޓި ޚިދުމަތް ވަނީ ފެށިފައެވެ.

ޓީބީ ދުވަހާ ގުޅުވައި މި ދެ ސަރަހައްދުގައި ޓީބީއަށް ސްކްރީން ކުރުމުގެ ކެމްޕެއިންއެއް ވަނީ ފަށާފައެެވެ.

މިއަހަރު ޓީބީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ދުވަހާ ގުޅުވައި ރަސްމިޔާތެއް ކުރިޔަށް ގެންގޮސްފައެވެ.

މި ރަސްމިޔާތުގައި ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ގެނައުމުގެ ގޮތުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ފޯ ޓީބީ (އެމްޓެގް- ޓީބީ) އުފައްދަވައި، އެބޭފުޅުންގެ މަސައްކަތްތަސް އެކުލަވާލާފައިވެއެވެ.

މި ރަސްމިޔާތުގައި ޓީބީ ދުވަހާއި ގުޅުވައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރް ދެއްކެވި ވާހަކަ ފުޅުގައި މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ފަރުދަކާއި ހަމަޔަށް ޓީބީ އާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ. އަދި ޓީބީ ރާއްޖޭގައި އުޅޭކަން، އަދި އެއީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއްކަމާއި، ޓީބީ އާއި ބެހޭގޮތުން ސިއްޙީ އެހީތެރިންގެ ގާތުން މައުލުމާތު އޮޅުންފިލުވުން މުހިންމު ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޓީބީ ދުވަހާއި ގުޅިގެން "ޓީބީ ޑޭ ރަން/ ވޯރކް" ގެ ނަމުގައި މިމަހު 30 ވަނަ ދުވަހު އިވެންޓެއް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަނީ ތައްޔާރުވަމުންދާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

މިއަހަރުގެ ޓީބީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ITS TIME TO #ENDTB” މިޝިއާރެވެ. މިޝިއާރުގެ އަމާޒަކީ ޓީބީ ނައްތާލުމަށް އިސްނަގައިގެން ކުރެވެންހުރި ކަންތައްތައް ކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ބާރުއެޅުމެވެ.

comment ކޮމެންޓް