އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެއްޖެ ނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި

ގަވާއިދުގައި ކަނޑައަޅާފައިވާ އެއްވެ އުޅުން މަނާ ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދަކަށް އެއްވެއްޖެ ނަމަ އެ އެއްވުމެއް ރޫޅާލަން ޖެހޭނެ ކަމަށާއި އެ ގޮތަށް އަމަލު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުނެފި އެވެ.


މީހުން އުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ރާ ވިއްކުމުގެ ހުއްދަ ލިބިދޭ ގަވާއިދާ ދެކޮޅަށް ވޭތުވެދިޔަ ދެ ރޭ މާލޭގެ މަގުތަކުގައި މުޒާހަރާތައް ބާއްވައި މިއަދު މެންދުރު ފަހު އިތުރު މުޒާހަރާއަކަށް ނުކުތުމަށް ތައްޔާރުވަމުން ދަނިކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއްވެ އުޅުމާ ބެހޭ ގަވާއިދުގައި، އެއްވުން މަނާ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ސަރަހައްދަކަށް އެއްވެއްޖެ ނަމަ އެއީ ގާނޫނާ ހިލާފް އެއްވުމެއް ކަމަށް ބަލާނެ ކަމަށެވެ.


އެއްވުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ފުލުހުން ފާހަގަ ކޮށްފައި ވަނީ ސިފައިންގެ މަރުކަޒުތައް ހިމެނޭ ސަރަހައްދާއި ފުލުހުންގެ މަރުކަޒުތަކާއި ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރާއި ރައްޔިތުންގެ މަޖިލިސް ކުރާ ގެ އާއި ޝަރުއީ ކޯޓްތައް ހިމެނޭ ސަރަހައްދާއި ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކާއި ޖުމްހޫރީ މައިދާނެވެ.


އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، އެއްވެ އުޅުމާއިބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައިވެ އެވެ.


އަދި އެއްވެ އުޅުމާއިބެހޭ ގަވާއިދުގައި، އެއްވުން ނުބޭއްވޭނެ ސަރަހައްދުތައް ކަމުގައި ބުނެފައިވާ ސަރަހައްދުތަކަށް އެއްވެއްޖެނަމަ، އެފަދަ އެއްވުމަކީ ގާނޫނާ ޚިލާފް އެއްވުމެއް ކަމަށް ބަލާ، އެފަދަ އެއްވުން ރޫޅާލައި، ހުއްޓުވައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ އެ ސާވިސް އިން ކުރަންޖެހޭނެ ކަމެއް ކަމަށް ވާތީ އެފަދަ އެއްވެސް ސަރަހައްދަކަށް އެއްނުވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ވެސް ފުލުހުންގެ ނޫސް ބަޔާނުގައި ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު