ސްޕޭންގެ އެތުލެޓިކޯ މެޑްރިޑްއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނަގެ ދައްތަ ބުނެފި އެވެ.
ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕް، ފްރާންސްއިން އުފުލާލުމުގެ ކުރިން ގްރީޒްމަން ވަނީ އޭނަގެ މުސްތަގުބަލު ވަނީ އެތުލެޓިކޯގައި ކަމަށާއި ބާސެލޯނާ ފަދަ ކުލަބު ތަކުން ކުރި އޮފާރ ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ސީޒަނުގައި އެތްލެޓިކޯއަށް ލިބުނު ނާކާމީޔާބީގެ ސަބަބުން ގްރީޒްމަން އެ ޓީމު ދޫކޮށް ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ "ޔޯލަ" ވާހަކަތައް އަނެއްކާ ވެސް ދަނީ ފެތުރެމުންނެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުވެންޓަސް އަތުން ހިތްދަތި ގޮތަކަށް ބަލިވެ އެތްލެޓިކޯ ކެޓިއިރު އެ ޓީމު ވަނީ ސްްޕެނިޝް ލީގު ކަޕު (ކޮޕަ ޑެލް ރޭ) އިން ވެސް ކަޓައިފަ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގައި ވެސް އެ ޓީމު މިވަގުތު އޮތީ އެއްވަނާގައި އޮތް ބާސެލޯނާއާ 10 ޕޮއިންޓް ފަހަތުގަ އެވެ.
މި ހަފްތާގައި އޮންނަ އިންޓަނޭޝަނަލް މެޗުތަކަށް ތައްޔާރުވުމަށް ގްރީޒްމަން މިވަގުތު ފްރާންސްގެ ޓީމާ އެކު ހުރި އިރު އޭނަގެ ދައްތަ، މައުދް ގްރީޒްމަން ބުނީ އޭނަގެ ކޮއްކޮގެ ޓްރާންސްފާ ކަންކަމާ ބެހޭ ގޮތުން ދައުރުވަމުންދާ ވާހަކަ ތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
"އެންޓޮއިން ހުރީ ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއަށް ފަހު ވަރަށް މާޔޫސްވެފައި. އޭނަ ދެކެމުން އައި ހުވަފެނެއް އެއީ އެތްލެޓިކޯ މެޑްރިޑްގެ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގު ތަށި އުފުލާލުމަކީ. އޭނައާ އެކު މިވަގުތު ހަމައެކަނި ގުޅިފަ އޮތް ކުލަބަކީ އެތްލެޓިކޯ މެޑްރިޑް،" ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ލެ އިކުއިޕްއަށް މައުލޫމާތު ދެމުން މައުދް ބުންޏެވެ.
"މީހުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން އަހަރެންނާއި އަހަރެންގެ ކޮއްކޮ [އެންޓޮއިން ގްރީޒްމަން] މިތިބީ ވަރަށް ހިތްހަމަ ނުޖެހިފައި. ބާސެލޯނާ އަދި އެހެން ކުލަބަކަށް ވެސް އޭނާ ބަދަލުވާން ނުވިސްނާ."
ގްރީޒްމަން ވަނީ މި ސީޒަނުގައި އެތްލެޓިކޯ މެޑްރިޑްއަށް 18 ގޯލު ޖަހައިދީފަ އެވެ. އޭނާ މިވަގުތު ދަނީ 2020 ވަނަ އަހަރު އޮންނަ ޔޫރޯގެ ކޮލިފައިންގައި ވާދަ ކުރަން ފްރާންސްގެ ޓީމާ އެކު ފަރިތަކުރުން ތަކުގައި ބައިވެރި ވަމުންނެވެ.