ބ. ކުޑަރިކިލު އިންޖީނުގެ އިން އެ ރަށަށް ކަރަންޓް ދެމުންގެންދާ ސަރުކާރުގެ ބައެއް ތަންތަނުން މިދިޔަ މަހުގެ ކަރަންޓް ބިލަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ނޯދަން ޔުޓިލިޓީސް އިންދީފި އެވެ.
ކުޑަރިކިލު ކައުންސިލުގެ ރައީސް އާސިފް މޫސާ ސަން އަށް މަޢުލުމާތު ދެއްވަމުން މިއަދު ވިދާޅުވީ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން ކުޑަރިލު މިސްކިތާއި ރަށު ކައުންސިލް އިދާރާގެ އިތުރުން މަގު ބައްތިތަކުން ކަރަންޓްގެ ޚިދުމަތް ކަނޑާލާނެ ކަމުގެ އިންޒާރު ނޯދަން ޔޫޓިލިޓީސް އިން ރަސްމީކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެންނަމަވެސް އަދި ކަރަންޓް ކަނޑާލާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމަށް އެތައް ފަހަރަކު ގައުމީ އިދާރާގައި އެދިފައިވާ ކަމަށާއި އަދި ޔުޓިލިޓީސް އިން ފޮނުވާފައިވާ ނޯޓިސް ގައުމީ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަތަކު ނޯންނާނެ ބަޖެޓެއް އެ ތަންތަނުގެ ކަރަންޓް ބިލްތަކަށް ފައިސާ ދައްކާކަށް. ފައިސާ މި ދައްކަނީ ގައުމީ އިދާރާ މެދުވެރިކޮށް. އަޅުގަނޑުމެން ވާނީ ގައުމީ އިދާރާ އަށް ބިލްތައް ހުށައަޅާފައި. ދެން ސީދާ ގައުމީ އިދާރާ އިން ޔޫޓިލިޓީސް ކުންފުންޏަށް އެ ފައިސާ ޖަމާކޮށްދެނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ނޯދަން ޔުޓިލިޓީސް އަށް ގުޅި އިރު އެތަނުގެ ފޯނަށް ޖަވާބު ނުދެއްވާތީ އެތަނުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.